މިއީ ތެލުގެ ބައި ނުލައި ކައްކާލުމަށް ވަރަށް ރަނގަޅު، ވަރަށް ފަހުގެ ވަސީލަތެއް. އޭގެން ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ކައްކައިދިނުމުގެ އިތުރުން ކެއްކުން އަވަސްވެފައި ދޮވެ، ސާފުކޮށްލަން ވެސް ވަރަށް ފަސޭހަ. ކާތަކެތި ހޫނު ކޮށްދިނުމާއި، ފެނާ ނުލައި ބިސްކައްކައި ދިނުމާއި، ވަކަވެފައިވާ ކާނާ އަލުން މުރަނަ ކޮށްދިނުމާއި، ބަދަން ހަނާކޮށްދިނުމަކީ ވެސް އޭގެން ކުރެވޭ އިތުރު ކަންކަން.

ކާތަކެތި ތެލުލައިގެން ކެއުމުން ހަށިގަނޑަށް ގިނަ އަދަދަކަށް ފެޓްސް އަދި ހަކަތަ އިތުރުވެގެންދެ އެވެ. ތެލާ ނުލައި ކައްކާލެވޭ އެއާފްރެޔާގެ ސަބަބުން ގިނަބަޔަކަށް އުފާވެރިކަމެއް މިއަދު ވަނީ ގެނުވައިދީފަ އެވެ. އެއާފްރެޔާއިން ދުޅަހެޔޮކޮށް ކާނާ ތައްޔާރު ކޮށްދިނުމުގައި ލުއިފަސޭހަކަން ވެސް ވެ އެވެ. އަވަހަށް ކައްކާލައިދީ ދޮވެ، ސާފުކޮށްލަން ވެސް ފަސޭހަ އެވެ. އަދި ކައްކާފައިވާ ކާނާގައި ހިމެނޭ ހަށިގަނޑަށް މުހިންމު މާއްދާތައް ގެއްލުނަ ނުދީ ހިފަހައްޓައިދެ އެވެ.

މިއަދު އެއާފްރެޔާ އަކީ މުޅި ދުނިޔޭގައި ކޮންމެ ގެއަކުން ޖާގަ ހޯދައިފައިވާ މެޝިނެކެވެ. ތިރީގައި މި ހިމަނާލަނީ އެއާފްރެޔާއިން ކުރެވޭ އިތުރު ބޭނުންތަކެވެ.

ކާތަކެތި ހޫނުކުރުމަކީ އެއާފްރެޔާ ކޮށްދޭ މަސައްކަތެކެވެ. އެގޮތަށް ހެދުމަށްޓަކައި އެއާފްރެޔާ 175 އާއި 180 އާ ދެމެދު ހޫނުމިނުގައި ބަހައްޓާށެވެ. އެއަށްފަހު ހޫނުކުރަން ބޭނުންވާ ކާއެތި އެއާފްރެޔާގެ ތެރޭގައި ތިން މިނިޓާއި 10 މިނެޓާ ދޭތެރޭ ބަހައްޓާލާށެވެ. ނުވަތަ ހޫނުވީކަން ޔަގީންވުމުން ނަގާށެވެ.

އެއާފްރެޔާއިން ގިނަގޮތްގޮތަށް ފަސޭހައިން ކާތަކެތި ތައްޔާރު ކޮށްލެވޭ

ކުކުޅުބިސް ފެނާނުލައި ކެއްކުމަކީ ވެސް އެއިން ކުރެވޭ ކަމެކެވެ. ބިސް ކެއްކުމަށްޓަކައި 120 ޑިގްރީއަށް އެއާފްރަޔާ ހޫނު ކުރުމަށްފަހު ދުރުދުރުގައި ބިސްތައް ބަހައްޓާށެވެ. ފަނަރަ މިނެޓް ވަންދެން ބިސްތައް ބެހެއްޓުމަށް ފަހު ބިސްތައް ނަގައި ސިންކު ފެނުން ދޮވެލާށެވެ.

ޕެކެޓް ކޮށްފައި ހުންނަ ޕޮޓޭޓޯ ޗިޕްސް އެއްފަހަރު ބޭނުންކޮށްފައި ވަކަވީހެން ހީވުމުން އޭގެ މުރަނަކަށް ގެނެސްދީ ބޭނުންކުރެވޭ ގޮތް އެއާފްރެޔާ އިން ހަދާލެވެ އެވެ. އެކަމަށްޓަކައި އެއާފްރެޔާގެ ހޫނުމިން 350 އާއި 380 އާ ދެމެދުގައި ބަހައްޓާށެވެ. އެއަށްފަހު ވަކަވި ޕޮޓޭޓޯ ޗިޕްސް އަޅައި ދެތިން މިނެޓަށް ބަހައްޓާފައި ނަގާށެވެ.

އާމަންޑާއި ކެޝޫނަޓްއަކީ ވެސް އެއާފްރެޔާގައި ތެލާއިނުލައި ފަސޭހައިން ހަނާ ކޮށްލެވޭނެ އެއްޗެކެވެ. އެކަމަށްޓަކައި އެއާފްރެޔާ 180 ޑިގްރީ ހޫނުމިނުގައި ބެހެއްޓުމަށްފަހު ބޭނުންވާ ބަދަންތައް އަޅާށެވެ. އަދި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ނަގާށެވެ. ނަޓްސްތައް ހުންނާނީ މީރު ވަރަށް ފިހެވިފަ އެވެ.

ގަނޑުކޮށްފައިވާ ކާތަކެތި ގަނޑު ފިލުވައި ރޯފިލުވުމަކީ ވެސް އެއާފްރަޔާއިން ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. އެކަމަށްޓަކައި އެއާފްރަޔާގެ ހޫނުމިން 200 ޑިގްރީގައި ބެހެއްޓުމަށްފަހު ގަނޑުވެފައިވާ ކާއެތި އެއާފްރެޔާ ތެރެއަށްލައި ފަސް މިނެޓާއި ދިހަ މިނިޓުގެ ވަގުތު ކޮޅެއްގައި ބެހެއްޓުމަށްފަހު ނަގާށެވެ. ކާތަކެތި ހުންނާނީ ރަނގަޅަށް ގަނޑުފިލައި އަދި ކެކި، ރޯ ވެސް ފިލައިފަ އެވެ.