އުތުރު ސީރިޔާގެ ރޮޖު ކޭމްޕުގައި އުޅެމުންދާ ދިވެހި އާއިލާއެއްގެ 16 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފި އެވެ.

ގެއްލިގެން އުޅޭ ކުއްޖާއަކީ ށ. ފޭދޫ ސޯސަންވިލާގެ މަރިޔަމް ޝާހިދާގެ ދަރިފުޅު ހުބައިބް ބިން އަލީ މާހިރު ކަމަށް އާއިލާއިން ބުނެފައިވެ އެވެ. ހުބައިބް ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ކަމަށާއި، މިހާތަނަށް އޭނާ ވީތަނެއް ނޭނގޭ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

"ހުރިހާ"އާ ވާހަކަދެއްކި އެ އާއިލާގެ މީހަކު ބުނީ ޝާހިދާ އާއި އޭނާގެ ދެ ދަރިން ރާއްޖެ ގެނެސްދިނުމަށް އެދި އާއިލާއިން ސަރުކާރުގައި އާދޭސްކުރަމުންދާތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ސަރުކާރަކުން އުންމީދުކުރެވޭ ފަދަ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

"ސަރުކާރުން މި މައްސަލައާ ގުޅޭގޮތުން ދެމުންދާ ޖަވާބަކީ، ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް. ސީރިޔާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހީން އަނބުރާ ރާއްޖެ ގެނައުމަށް ހޯމްލޭންޑް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއިން މަސައްކަތް ކުރާ ކަމަށް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އާއިލާއިން ބުނާ ގޮތުގައި، ހުބައިބް ގެއްލުނީ ޕީކޭކޭ ޖަމާއަތުގެ އަތްދަށުން ސަލާމަތްކުރުމަށް ތުރުކީ ބޯޑަރަށް ފޮނުވާލުމަށް މަންމަ ނިންމި ނިންމުމަކާ ގުޅިގެންނެވެ. މި މައްސަލަ މިހާރު ވަނީ ރާއްޖޭގައި ހުންނަ ރެޑް ކްރެސެންޓް އޮފީހަށާއި ސަރުކާރަށް އަންގާފަ އެވެ.

ސީރިޔާގެ ކޭމްޕުތަކުގައި ތިބި ދިވެހި ކުދިންނަށް ދިވެހި ސަރުކާރުތަކުން އަޅާލާކަމުގެ އެއްވެސް އިހުސާސެއްނުވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި މީގެ ކުރިން ރާއްޖެ ގެނެވިފައިވާ އާއިލާތަކަކީ އެ އާއިލާތަކުގެ އަމިއްލަ މަސައްކަތުން ތުރުކީ ބޯޑަރަށް އައިސްފައިވާ އާއިލާތަކާއި ކުދިން ކަމަށް ވެސް އޭނާ ބުންޏެވެ.