ރަމަޟާން މަހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމުންނަށް އަންނަ އެންމެ މާތް މައްސަރެވެ. އެ މަހު މުސްލިމުން ފަޖުރުން ފެށިގެން އިރުއޮއްސުމަށް ދާންދެން ރޯދަ ހިފަ އެވެ.
ރޯދަ ހިފުމަކީ ހަމައެކަނި މުސްލިމުންނަށް އޮތް ކަމެއް ނަމަވެސް ފަހަކަށް އައިސް ރަމަޟާން މަހުގެ ރޯދަ ހިފުމުގައި ބައިވެރިވާ ޣައިރު މުސްލިމުންގެ އަދަދު ވެސް އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ.
އެގޮތުން ހަމައެކަނި ރާއްޖެއަށް ބަލާލި ނަމަވެސް ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ގިނަ ޣައިރު މުސްލިމުން ރޯދަ ހިފުމުގައި ދިވެހިންނާ ބައިވެރިވެ އެވެ.
އެއްބަޔަކު އެކަން ކުރަނީ އެކަމުގެ ފަހަތުގައިވާ ސިއްހީ ފައިދާތައް ލިބިގަތުމަށެވެ. އަނެއް ބަޔަކު އެކަން ކުރަނީ ރޯދަ މަހު އަހަރުމެންނާ ބައިވެރިވުމުގެ ގޮތުންނެވެ.
"ފެށުނީއްސުރެ އަހަރެން ރޯދަ ހިފަން. އެކަމުން ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ލިބޭ." ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި މާލޭގައި ވަޒީފާ އަދާކުރާ ބޭރު ގައުމެއްގެ ރަހުމަތްތެރިޔަކު ބުންޏެވެ.
އެއާއެކު ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ ޣައިރު މުސްލިމުން ވެސް ރޯދަ ހިފާއިރު އެމީހުންނަށް ވެސް އެއީ ވަރަށް ތަފާތު ތަޖުރިބާ އެކެވެ.
ކޮންމެއަކަސް ރަމަޟާން މަހަކީ އަހަރުމެންނާ ބައްދަލުކުރާ ހާއްސަ މަހަކަށްވާއިރު އެ މައްސަރުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ލިބޭ އުފަލެކެވެ.