ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަދާ އާ ޓާމިނަލް ބޭނުންކުރަން އަނެއްކާ ވެސް އާ ތާރީހެއް އެމްއޭސީއެލް އިން ދީފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރަން ފެށި އެ ޓާމިނަލް ހަދައި ހުޅުވަން މި ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިިދިޔަ އަހަރުގެ ސީޒަނާ ދިމާކޮށް ޑިސެމްބަރު މަހު އެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައިދިޔައިރު އެ ޓާމިނަލްގެ މަސައްކަތް ނިންމޭނެ ގޮތެއް ނުވި އެވެ.
"ފަހަރުގައި މުޅި ތަން ނުނިމެނީއޭ އަޅުގަނޑުމެން ބޭނުންވާ ޓާގެޓަށް. ނުނިމޭ ކަމަށް ވިޔަސް ބައިބަޔަށް ނިންމައިގެން ވިޔަސް، ހުޅުވިދާނެ،" ވެރިކަމާ ހަވާލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޮކްޓޯބަރު 2023 ގައި "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
އެ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މުއިއްޒު މިއަދު ހަވީރު ވަނީ ވީއައިއޭއަށް ވަޑައިގެންފަ އެވެ.
ޓާމިނަލްގެ މަސައްކަތާ ބެހޭ ގޮތުން އެމްއޭސީއެލް އިން މިއަދު ބުނީ މި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިއަހަރުގެ އޮކްޓުބަރު މަހުގެ ތެރޭގައި ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.
އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ އެވެ. ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނުން ހިދުމަތް ދޭ އިރު އާ ޓާމިނަލްއާ އެކު، އިތުުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ އެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައި ވަނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓާމިނަލްގައި ހުންނާނެ އެވެ. އާ ޓާމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ރާއްޖެއާ އެކު އިތުރު 40 މިލިއަން ޑޮލަރުގެ (616 މިލިއަން ރުފިޔާ) ލޯނު އެއްބަސްވުމެއްގައި މިދިޔަ ޑިސެމްބަރު މަހު ވެސް ސޮއިކޮށްފައިވެ އެވެ. އެ އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް މަޝްރޫއު އަވަސްކުރަން އަބޫދާބީ ފަންޑުން މީގެ ކުރިން ވެސް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަދި ސައުދީ ފަންޑުން 180 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ވަނީ ނަގައިފަ އެވެ.