ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ނޮވެމްބަރު 3، ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި، އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުން ނިންމަވާ، އެކަމުގެ އުޞޫލު ޑިފެންސް މިނިސްޓްރީން މިއަދު އާންމުކޮށްފަ އެވެ.
މިގޮތުން އެ އުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮ ބްރޭވަރީގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހާއްސަ އެލަވަންސެއް ސަރުކާރުން ދިނުމަށް ރައީސް މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.
މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާގޮތުން ނޮވެމްބަރު 3 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ޚިދުމަތް ފާހަގަކޮށް އިނާޔަތް ދެވޭނީ އެ ޝަހީދުންގެ އާއިލާތަކަށެވެ. އަދި ޝަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާ އެވެ.
އެ ދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ކާމިޔާބު ހޯދައި ދިނުމަށް ހިތްވަރު ދެއްކި އެހެން މީހުންނަށް ވެސް ކޮންމެ މަހަކު އިނާޔަތެއް ލިބޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެގޮތުން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ދެއްކި ހިތްވަރަށްޓަކައި ހުރަވީ ރަން މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 9،000ރ. ގެ އިނާޔަތެއް ދޭއިރު، ހުރަވީ ރިހި މެޑަލް ލިބިފައިވާ މީހުންނަށް މަހަކު 8،000ރ. ގެ އިނާޔަތެއް އަދި ހިތްވަރު ގަދަކަމުގެ ކުލަ ލިބިފައިވާ މީހުންނަށް މަހަކު 6،000ރ. ގެ އިނާޔަތެއް ދިނުމަށް ވެސް އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެ ނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ ކަމަށް އެ އުސޫލުގައި ވެ އެވެ.
ނޮވެމްބަރު، 3 ގެ އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމުން ހިމެނޭހެން 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ޝަހީދުވި ސިފައިންގެ އާއިލާތަކަށް ސަރުކާރުން ކުޑަ އިނާޔަތެއް ދެމުންދިޔަ އެވެ. އެ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.