ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ދިން ފައިސާ ވަދެފައިވާ އެކައުންޓު އެނގޭ ކަމަށާއި، ދައުވާކުރަން އުންސުރުތައް ވެސް ފުރިހަމަވާނެ ކަމަށް ވިދާޅުވެ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލްއަށް ރައްދު ދެއްވައިފި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ހެލްތު މިނިސްޓްރީން ފައިސާ ދެއްކި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަނެއް ބައި ލިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ވެސް ނެތެވެ.
އެ މުއާމަލާތުގައި އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭސީސީން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލަ ފޮނުވުމުން ޕީޖީ ހުސެއިން ޝަމީމް މިދިޔަ ހަފުތާގައި ނިންމެވީ ދައުވާކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.
އެ މައްސަލަ އަލުން ރިވިއު ކުރުމަށް ފަހު ވެސް ޕީޖީން ނިންމީ ކުރިން ހޯދާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ދައުވާ ނުކުރުމަށެވެ.
ޕީޖީގެ އެ ނިންމުމަށް ރައްދު ދީ އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ނައިބު ރައީސާ ފާތިމަތު އަނޫލާ ވިދާޅުވީ ވެންޓިލޭޓަރު ކޭސްގައި ޕީޖީއަށް ފޮނުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ކަމަށެވެ. އަދި އެ ކުށަކީ އޭސީސީން އަލަށް ތަހުގީގުކޮށް، އަލަށް ދައުވާކުރަން ފޮނުވި ކުށެއް ނޫން ކަމަށާއި އެ ކުށް ހިމެނޭ އެތައް މައްސަލައެއް އޭސީސީން ތަހުގީގުކޮށް، ޕީީޖީ އޮފީހަށް ދައުވާ ކުރަން މީގެ ކުރިން ވެސް ފޮނުވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ މުވައްޒަފުންގެ އަމަލުތަކުގެ ސަބަބުން މަންފާ ލިބެން ނުޖެހޭ ބަޔަކަށް މަންފާ ލިބިއްޖޭ. އެހެންވީމަ މި ކުށުގެ ދައުވާ ކޮށްދޭށޭ އަޅުގަނޑުމެން މި ބުނީ. މީގަ އަޅުގަނޑުމެންނަށް ސާފުވާން އެބަ އޮތް ދުބާއީގެ މި ދެންނެވި ކުންފުންޏަށް ފައިސާ ގޮސް އެބަހުރި ކަން މިކަންކަން މިހެން ހުރީމާ،" އަނޫލާ ވިދާޅުވި އެވެ.
އަނޫލާ ވިދާޅުވީ ޕީޖީ އޮފީހުގެ ވިސްނުމަކީ މަނީ ޓްރެއިލް ނުވަތަ ފައިސާ ދަތުރުކޮށްފައި ހުރި ގޮތް ހޯދުން ކަމަށެވެ. އަދި ދައުލަތުގެ މުވައްޒަފަކަށް އެ ފައިސާ ލިބިފައިވޭތޯ ނުވަތަ އެހެން މީހެއްގެ ޖީބަށް އެ ފައިސާ ވަދެފައިވޭތޯ ތަހުގީގުކޮށްފައި ނެތުމުން ނުވަތަ ތަހުގީގަށް އަދި ހޯދިފައި ނުވާތީ ކުށުގެ ދައުވާ ނުކުރުވޭނެ ކަމަށް ޕީޖީގެ ވާހަކަތަކުން ދޭހަވާ ކަމަށެވެ.
"އެހެން ނަމަވެސް މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫން. ނާޖައިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެއް ދައުލަތުގެ މުވައްޒަފެއްގެ މައްޗަށް އުފުލާއިރު، އެމީހަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ އޭނާއާ ގުޅުން ހުރި އެހެން މީހަކަށް ފައިދާއެއް ލިބިފަ އޮތް ކަމަށް ސާބިތުކޮށްދޭކަށް ނުޖެހޭ. އޭނާ އެ ކުރި ކަންތަކުގެ ސަބަބުން މިސާލަކަށް މި ކޭސްގަ ދުބާއީގެ ކުންފުންޏަށް ލާރި ދެވިފަ ހުރުހުން އެ ހިސާބުން އެ އޮތީ އެ ކުށް ފުރިހަމަ ވެފައި،" އަނޫލާ ވިދާޅުވި އެވެ.
އަނޫލާ ވިދާޅުވީ އެހެން މީހަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރާއިރު، ދައުލަތުގެ މުވައްޒަފަކަށް ފައިދާވެފަ އޮންނަންވާނެ ކަމަށް ކުށުގެ އުންސުރުތަކުގެ ތެރޭގައި ނެތް ކަމަށެވެ. ނަމަވެސް އެކަން ވެސް ހޯދިފައިވާނަމަ ތަހުގީގު އިތުރަށް ފުރިހަމަވެ، އެ ފައިސާ ހޯދަން ވެސް ފަސޭހަވާނެ ކަމަށެވެ.
"އެހެން ނަމަވެސް ދައުވާ ކުރުމަކަށް އޮތް ހުރަހެއް ނޫނޭ އެ ނުހޯދި އޮތުމަކީ،" އޭނާ ވިދާޅުވި އެވެ.
އަނޫލާ ވިދާޅުވީ މީގެކުރިން، ދައުލަތުގެ މުވައްޒަފަކު ދޫކުރާ ލިޔުމެއްގެ ސަބަބުން، އެހެންމީހަކަށް މަންފާއެއް ހޯދަން މަގުފަހިވެދާނެތީ ވެސް ދައުވާ އުފުލާފައި އެބަހުރި ކަމަށާއި އެހެންކަމުން މަނީ ޓްރެއިލް ނުހޯދިގެން، ކްރައިމް ޓްރޭސް ނުކުރެވިގެން ދައުވާ ނުކުރެވޭނޭ ބުނާ ބުނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭސީސީން މިއަދު ބުނީ އެ ފައިސާ ވަދެފައިވާ އެކައުންޓް އެނގޭ ކަމަށާއި، އުންސުރުތައް ވެސް ފުރިހަމަވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި "މަނީ ޓްރެއިލް" މުހިންމު ނޫން ކަމަށާއި ދައުވާ ކުރެވޭނެ ކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލަގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން އެންގުމުން އެ އޮފީހުން ފާހަގަކޮށްފައިވާ ވަކިވަކި ނުކުތާތަކަށް އޮކްޓޯބަރު 25، 2020 ގައި ޖަވާބު ދީފައިވާ ކަމަށް އަނޫލާ ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އޭސީސީން ފާހަގަ ކުރި ކަންކަމަށް ޖަވާބު ދީފައި ނުވާ ކަމަށް ެވސް އަނޫލާ ވިދާޅުވި އެވެ.
"އޭރު ވެސް ޕީޖީގެ ވިސްނުން މި ހުރީ ކޭސް ޑިކްލައިން ކުރުމުގެ ވިސްނުން. ދައުވާ ކުރެވިދާނެތޯ ބެލުމުގެ [ވިސްނުން ހުރި ކަމެއް] އަޅުގަނޑަކަށް މާނައެއް ނުކުރެވުނު،" އަނޫލާ ވިދާޅުވި އެވެ.
ވެންޓިލޭޓަރު މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލިއިރު ޝަމީމް ވަނީ އެ މައްސަލަގައި އާ މައުލޫމާތުތަކެއް އޭސީސީގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވާނީ މަގާމްގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް މަންފާ ލިބިފައި ހުރީ ކޮން ބަޔަކަށް ކަމާއި ފައިސާ ހުރި ތަނެއް އެނގެން މަޖުބޫރު ނޫން ކަމަށާއި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ފަދަ ގޮތަކަށް އަމަލު ކުރިކަން ސާބިތުވާ މިންވަރަށް މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"މި މައްސަލައިގެ ޕްރައިމަރީ އެކްޓަށް ބަލާ ނަމަ ދައުވާ ކުރެވޭނެ މައްސަލައެއްކަން އަޅުގަނޑުމެން ގަބޫލު ކުރަން،" ޝިއުނާ ވިދާޅުވި އެވެ.