ހިނގަމުން މިދާ ރަމަޟާން މަހުގެ 23 ވަނަ ވިލޭރޭ (ހޮނިހިރު ދުވަހުގެ ރޭ) މައްކާގެ މަސްޖިދުލް ހަރަމްއަށް ތިން މިލިއަނަށްވުރެ ގިނަ މުސްލިމުން ގޮސްފައިވާ ކަމަށް ސައޫދީގެ އިދާރާތަކުން ބުނެފި އެވެ.
ހައްޖާއި އުމްރާގެ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވީ 23 ވަނަ ވިލޭރޭ ހިމެނޭހެން ރަމަޟާން މަހުގެ 22 ވަނަ ދުވަހު ހަރަމްފުޅުގައި ގިނަ އަދަދަކަށް މުސްލިމުން ގޮސްފައިވާ ކަމަށެވެ.
އެގޮތުން އެ ދުވަހުގެ ފަތިސް ނަމާދުގެ ޖަމާއަތުގައި 592،000 މީހުން ބައިވެރިވެފައިވާއިރު މެންދުރު ނަމާދުގައި 518،000 މީހުން ބައިވެރިވި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެއާއެކު އަސްރު ނަމާދުގެ ޖަމާއަތް 547،700 މީހުންނަށް އަދަދު ކުރެވުނުއިރު މަޣްރިބް ނަމާދުގެ ޖަމާއަތް އުޅުނީ 710،500ގަ އެވެ. އިޝާ ނަމާދާއި ތަރާވީހް ހިމެނޭހެން 732،700 މީހުން މަސްޖިދުލް ހަރަމްގައި ނަމާދުކުރި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ހަރަމްފުޅަށް އެންމެ ގިނަ މީހުން ވަދެފައިވަނީ ކިންގް އަބްދުލްއަޒީޒް ގޭޓުންނެވެ. އެ ގޭޓުން 235،800 މީހުން ވަތްއިރު ބާބުލް ސަލާމްއިން ވަދެފައިވަނީ 32،300 މީހުންނެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތައް ގުނަމުންދާއިރު އެ ދުވަސްވަރުގެ އޮނަހިރި ރޭތަކަކީ ލައިލަތުލް ގަދުރިއަށް ވުމުގެ ފުރުސަތު އޮތް ރޭތަކަކަށް ވާތީ ގިނަ އަދަދެއްގެ މުސްލިމުން އެ ރޭތަކުގައި މަސްޖިދުލް ހަރަމްއަށް އެއްވެ އެވެ.