މި ސަރުކާރުން ހެދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މަގާމު ދޫކޮށް ހިނގައްޖެ އެވެ.
ޕީސީބީން މިއަދު ބުނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން- ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ފުރަތަމަ އުފެއްދި ޑިވެލޮޕްމެންޓް ބޭނުންކުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެ ބޭންކުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭން ވެސް ނިންމައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެ ބޭންކުގެ އޮފީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ފަހުން މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިޔަށް ނުދެ އެވެ.
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ޑީބީއެމްގެ މައިގަނޑު މަގްސަދަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އެންމެ ތަރައްގީ ވެފައިވާ އިގްތިސާދަކަށް ހެދުމަށް އެހީތެރިވެ، ސަރުކާރުގެ އެ އަމާޒު ހާސިލުކުރުން ކަމަށް އެ ބޭންކު އިފްތިތާހު ކުރި ދުވަހު ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދޭން ހުށަހެޅި ސަބަބެއް ޕީސީބީން ނުބުނެ އެވެ.