ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަނުގެ ޕާލިމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ބޭނުންކުރުމަށްޓަކައި ގެނުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތައް ބޭނުން ނުކުރެވި، އެ ގަތުމުގައި ކޮރަޕްޝަން ހިގާފައިވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމުގަ އެވެ. އަދި މިކަމުގައި ޒިންމާވާޖެހޭ މީހަކު ނެތުމަކީ ހިތާމަ ހުރިކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން މާދަމާ އެ މައްސަލާގައި ޝަމީމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ވެންޓިލޭޓަރުގެ ޚިޔާނާތް ބެލުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ތާއީދުކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން ދެމެހެއްޓުމުން އެ އޮފީހަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ. މީގެ އިތުރުން ނަޝީދު ވަނީ ވަރަށް ހުތުރުކޮށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލާގައި ސަރުކާރުން ބައިވެރިވެފައިވާތަން ފެންނަ ކަމަށާއި ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް ޕީޖީ މަގާމުން ބޭރުކުރުމަށް އެމްޑީޕީ ޕާލިމެންޓް ގުރޫޕަށް ހުށައެޅުމުން އެމައްސަލަ އެގުރޫޕުން ވަނީ ބޭރުކޮށްލާފަ އެވެ.