ވެންޓިލޭޓަރުތަކާބެހޭ ކޮރަޕްޝަންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއްކޮށް، އެކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުރުކޮށް، އެ ފައިސާ ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އެވެ.

އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ވަނީ 2020 ވަނަ އަހަރު 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް 31 މިލިއަން ރުފިޔާ ދީފައިވާކަން، އޮޑިޓަ ޖެނެރަލް އޮފީހުގެ ކޮމްޕްލައަންސް އޮޑިޓު ރިޕޯޓުން ހާމަވުމާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުން ވެސް މި މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ ޚިލާފަށް ކަން ސާބިތުވެފައިވާ ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލާގައި ދައުވާކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެ މައްސަލާގައި ޖިނާއީ ދައުވާއެއް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައި ނެތްކަމަށާއި ތުހުމަތުވާ މީހުންގެ އެކައުންޓަށް ފައިސާ ވަދެފައިވާކަމުގެ ހެއްކެއް ނެތްކަމަށް ޕްރޮސެކުޓަ ޖެނެރަލް ވިދާޅުވެ، މި މައްސަލާގައި ދައުވާނުކުރައްވަން ޕްރޮސެކިއުޓަ ޖެނެރަލް ނިންމަވާފައިވަނީ ގާނޫނީ އެއްވެސް އަސާސަކަށް ރިއާޔަތް ކުރެއްވުމެއް ނެތި، އެހެން ނުފޫޒުތަކެއްގެ ސަބަބުންކަމުގައި ބެލެވޭ،" އާދަމް ޝަރީފްގެ މައްސަލައިގައިވެ އެވެ.

ކޯވިޑްގެ އެންމެ ނުރައްކާތެރި ވަގުތުގައި ބަލިމީހުންގެ އެންމެ ޒަރޫރީ ބޭނުމަށް ވެންޓިލޭޓަރުތައް ހޯދުމުގެނަމުގައި ރައްޔިތުންގެ ފައިސާއިން މިހާބޮޑު ޚިޔާނާތެއް ވެފައިވާއިރު، އެ ފައިސާ ދޫކުރީ ހޯދަންޖެހޭ ފައިނޭންޝަލް ގަރަންޓީއާއި ޕާފޯމޭންސް ގެރެންޓީ ހޯދުމަކާ ނުލައިކަން ލިޔެކިޔުންތަކުން ސާބިތުވާއިރު، މިކަމުގައި މާލީ ވުޒާރާގެ އިހުމާލުވެސް އޮތްކަމަށް ބެލެވޭތީވެ، ވެންޓިލޭޓަރުތައް ގަތުމުގެ ނަމުގައި ހިންގާފައިވާ ކޮރަޕްޝަންގައި ޝާމިލުވާ ފަރާތްތައް ހޯދައި، ފުރިހަމަ ތަޙްޤީޤެއް ހިންގައި، ރައްޔިތުންގެ ފައިސާ ހޯދައިދިނުމަށް ސަރުކާރުގެކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް މި މައްސަލައިގައިވެ އެވެ.

މިދިޔަ އަހަރު 75 ވެންޓިލޭޓަރު ގަތުމަށް ޑުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް 31 މިލިއަން ރުފިޔާ ދީފައިވާކަން، އޮޑިޓާރ ޖެނެރަލް އޮފީހުގެ ކޮމްޕަލައަންސް އޮޑިޓު ރިޕޯޓުންވަނީ ހާމަވެފަ އެވެ. އަދި އެ ފައިސާ ދޫކުރީ ހޯދަންޖެހޭ ފައިނޭންޝަލް ގަރަންޓީއާއި ޕާފޯމަންސް ގެރެންޓީ ހޯދުމަކާ ނުލާކަން ލިޔެކިޔުންތަކުން ސާބިތުވެ އެވެ. ހަމައެހެންމެ ޑަބްލިއުއެޗްއޯއިން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވެންޓިލޭޓަރުގެ މުއާމަލާތްކުރުމަށް ލަފާދިން ކަމަށް އެއިރުގެ ހެލްތު މިނިސްޓަރު ވިދާޅުވި ނަމަވެސް އެފަދަ ލަފައެއް އެ ޖަމްޢިއްޔާއިން ދީފައިނުވާކަން އޮޑިޓާ ޖެނެރަލްގެ ތަހުގީގުން އެނގި ހާމަވެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުން ވެސް މި މައްސަލާގައި އަމަލުކޮށްފައިވަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ ޚިލާފަށްކަން އޮތީ ސާބިތުވެފަ އެވެ. ނަމަވެސް މި މައްސަލައިގައި ދައުވާކުރެވޭނެ އުންސުރުތަކެއް ނެތް ކަމަށް ބުނެ ޕީޖީވަނީ ދައުވާ ނުކުރާން ނިންމާފަ އެވެ.