މިއަހަރުގެ ފުރަތަމަ 10 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދުގެ ގޮތުގައި 6.5 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މާޗު 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 6.5 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.

އެ ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ހަރަދު ހުރީ 9.4 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 9.1 ބިލިއަން ރުފިޔާގަ އެވެ.

އާމްދަނީގެ ގޮތުގައި މިއަހަރު ލިބިފައިވާ 7.8 ބިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 43.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކަ އެވެ.

މިއަހަރުގެ ފުރަތަމަ 10 ހަފްތާގެ ތެރޭގައި ދައުލަތުން ކުރި ޚަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 6.1 ބިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ހަރަދުތަކަށް 428 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކަ އެވެ.