ސަރުކާރު ޕްރޮމޯޓްކޮށް، ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އަންގަވައިފިއެވެ.

މެންބަރު މުހައްމަދު އަލީ މެދުވެރިވެގެން ގައްދޫގެ ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކުން ވަޒީފާދީފައިވާ މީހުން ހިމެނޭ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި އޭނާ ވަނީ އެ މުވައްޒަރުން ޕީއެންސީގެ ހަރަކާތްތަކުގައި ނޫޅޭތީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ މެސެޖްތައް ފެންނަ ސްކްރީންޝޮޓްތަކުގައިވާގޮތުން ގައްދުއަށް ނިސްބަތްވާ ސަރުކާރު މުވައްޒަފުން ޕީއެންސީގެ ހަރަކާތްތަކުން ފެނުން މަދުވެ، އެ މީހުންގެ އެއްބާރުލުން ދޭ މިންވަރު ވެސް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާއްވާ ހަރަކާތްތަކުގެ އިތުރުން ހަރުގެއަށް އައިސް އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށް ތިމަންނައަށް ކުރެވޭނީ ކޮންކަމެއްތޯ އަމިއްލަ އިސްނެގުމާ އެކު ކުރުމަށް ހަގީގަތުގައިވެސް ގިނަމީހުންގެ ފަރާތުން އެއްބާރުލުން ނުފެނޭ،" މުހައްމަދު ފޮނުއްވި މެސެޖެއްގައިވެ އެވެ.

އެކަންކަން ތަކުރާރުވާނަމަ، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން އެ ގްރޫޕްގައި މުހައްމަދު އަލީ ވަނީ މުވައްޒަފުންނަށް އަންގަވާފަ އެވެ. އޭނާ ވިދާޅުވީ އަބަދު ބުނެކިޔައިގެން ކަންކަން ކުރަން ބޭނުންނުވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ގައްދުއަށް ނިސްބަތްވާ މީހުންނަށް ވަޒީފާދޭނީ ސިޔާސީ ގޮތުން ސަރުކާރަށް އެއްބާރުލުންދޭ މީހުން ބެލުމަށްފަހު ކަމަށް ވެސް މުހައްމަދު އަލީ ވިދާޅުވި އެވެ.