ފެނު ކެއްކި ބިހެއް ނޮޅާލާފައި ރީތިކޮށް އެއްވަރަށް މެދުން ފަޅާލާއިރު، ގޮބޮޅީގެ ވަށައިގެން ގަދަފެހި ނުވަތަ އަޅި ފަށަލައެއް ވާނަމަ އެ ބިސް ކެއުން އެންމެ ރަނގަޅުވާނެތޯ އަމިއްލަ އަމިއްލައަށް ސުވާލުކޮށްލެވެ އެވެ.

ކާނާއާ ބެހޭ މާހިރުން ވިދާޅުވާގޮތުގައި ގޮބޮޅި ވަށައިގެން ހުންނަ އަޅި ނުވަތަ ފެހި ފަށަލައިން އަންގައިދެނީ ބިސް ކެއްކުމުގެ ތެރޭގައި އޭގެ ތެރޭގައި ހިމެނޭ ދެމާއްދާއެއް އެކުވެފައިވާ ކަމެވެ. އެއީ ބިހުގެ ލޮނދީގައި ހުންނަ ސަލްފާ މާއްދާ އާއި ގޮބޮޅީގައި ހުންނަ އަޔަންއާ ދެމެދު ރިއެކްޝަނެއް ހިނގާފައިވާ ކަމުގެ އަލާމާތެކެވެ. އެ ފަށަލަ ފެންނަން ހުންނަނީ ވެސް ގޮބޮޅިއާއި ލޮނދިގަނޑާ ބައްދަލުވާ ތަނުގަ އެވެ.

މިހެން އާންމުކޮށްދިމާވާ ސަބަބެއް ކަމަށް ވަނީ ކެއްކި ބިހަކީ ތާޒާ ނޫން ބިހެއްކަމަށް ވާނަމަ އެވެ. ތަޒާ ބިހެއް ނަމަވެސް މާގިނައިރު ކެއްކުނީމަ އެވެ. ވީމާ ގަދަ ހޫނުގައި ގިނަ ވަގުތު ބިސް ކެއްކުމުން އެ ފަށަލަ ކުލަގަދަކޮށް ފެންނަން ހުރެ އެވެ.

ފެނުކައްކާފައިވާ ކުކުޅުބިހެއް: މާބޮޑަށް ކެއްކުމުން ބިހުގެ ރީތިކަން ނެތިދޭ

ބިހުގެ ގޮބޮޅީގައި އެފަދަ ފަށަލައެއް ހުރި ނަމަވެސް އެކަމަކީ ސިއްހަތަށް ނުރައްކާތެރި ކަމެއް ނޫން ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ.

އެންމެ ރަނގަޅަށް ބިހެއް ކައްކާނީ ކިހިނެތްކަމާ މެދު މޮޅެތި ޝެފުންގެ ތެރޭގައި ޚިޔާލު ތަފާތު ވެފައިވެ އެވެ. އެއްބަޔަކު ބުރަވަނީ އާދައިގެ އިސްކުރު ފެނުގެ ތެރެއަށް ބިސްލުމަށް ފަހު ކައްކަން ފެށުމަށެވެ. އަނެއްބައި ޝެފުން ބުރަވަނީ ފެންގަނޑު ކެކެން ފެށުމުން އެ ފެންގަނޑުގެ ތެރެއަށް ބިސްލައިގެން ކެއްކުމަށެވެ.

ހޫނުކަމެއް ނެތް ފެނުގެ ތެރެއަށް ބިސްލައިގެން ކައްކަން ފެށުމުން ވަރަށް އޮމާންކަމާއެކު ބިސް ހަލާކުވުމެއް ނެތި މަޑުމަޑުން ރީތިކޮށް ކައްކާލެވެ އެވެ. އޭގެ ބަދަލުގައި ކެކިކެކި ހުރި ހޫނު ފެންގަނޑަކަށް ބިސްލައިފިނަމަ، އަވަހަށް ބިސް ކައްކާލެވުނު ނަމަވެސް، ބިހުގައި ރެނދުލައި ހަލާކުވުމުގެ ފުރުސަތު އޮވެ އެވެ.

ފެނުކައްކާފައިވާ ކުކުޅުބިހެއް: އަޅިފަށަލައެއް ހުރުމަކީ މައްސަލައެއް ނޫން

ކޮންމެ ގޮތަކަށް ބިސްކެއްކި ނަމަވެސް ބިސް ނޮޅުމަށްޓަކައި ހަރުތަނެއްގައި ޖަހާލައި އެތާމަތީ ބިސް ރޯލްކޮށްލާށެވެ. އޭރުން ބިސްތޮށި ހުންނާނީ ދޫވެލާ ނޮޅާލަން ފަސޭހަވެފަ އެވެ. ނޮޅަން ފަށާނީ ބިހުގެ ފުޅާ ބައިންނެވެ. އިސްކޫރެއްގެ ދަށުގައި ނޯޅާނަމަ ކުދި ބިސްތޮށިތައް ބިހާ ވަކިކޮށްލަން ފަސޭހަވާނެ އެވެ.