ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ. ގައްދޫގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ގަދަ ވަޔާއެކު ކުރި ވިއްސާރައިގެ ސަބަބުން ގައްދޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ރުއްގަސް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ރޭ ކުރި ވިއްސާރައިގެ ސަބަބުން އެރަށުގެ ފަނަރަ ވަރަކަށް ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ގައުދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ލަބީބް ވިދާޅުވި އެވެ.
"ބައެއް ގެތަކަށް ވިއްސާރާގައި ބޮޑެތި ގެއްލުންވަނީ ވެފައި. ދެ ގެއެއްގެ ފުރާޅު އެއްކޮށްވަނީ އެއްލާލާފައި،" ލަބީބު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އެ ރަށުގެ ރުއްގަހަށް ލިބުނު ގެއްލުންތައް ފާހަގަ ކުރައްވާ ލަބީބް ވިދާޅުވީ ރަށުގައި ހައްދާފައިވާ ކެޔޮ ފަދަ މޭވާގަސްތަކާއި އެހެނިހެން ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ވަނީ އެކިވަރުގެ ގެއްލުން ވެފަ އެވެ.
މާލޭގެ ސޯސަން މަގާއި، އަމީނީ މަގުގާއި ލޮނިޒިޔާރަތްކޮޅުގައި ހުރި ބައެއް ގަސްތަކަށް ގެއްލުންގެ ގޮފިތައް ވެއްޓުމުގެ ސަބަބުން އެމްއެންޑީއެފް އިން ދަނީ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު އޮތީ ރީނދޫ ސަމާލުކަން ނެރެފަ އެވެ. އަދި މެޓް އޮފީހުން ލަފާކުރާގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުވެސް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި އެންމެ ގަދައަށް ވިއްސާރަކުރާނެ ކަމަށް ބެލެވެނީ ދެކުނާއި މެދުރެތޭގެ އަތޮޅުތަކަށެވެ. އަދި ކަނޑުގަދަވާނީ ވެސް އެ ސަރަހައްދުގެ އަތޮޅުތަކަށް ނަމަވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އުދަ އަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.