އުމްރާގެ އަޅުކަމަށް ދިޔަ އުމުރުން ދުވަސްވީ ދެމަފިރިއަކު އެއާޕޯޓަށް ދޫކޮށް، ގުރޫޕަކުން ރާއްޖެއައި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ ދެމަފިރިންގެ އާއިލާއިން ބުނީ އަލް ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާވެރިން ގޮވައިގެން ފުރަން އެއާޕޯޓަށް ގޮސް ޗެކިންވެ ބޯޑިންވާން ލިބުނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އެ ދެމަފިރިންނަށް ބޯޑިންނަށް ދެވުނު އިރު ފްލައިޓް ފުރަން ރެޑީވެފައި އޮތުމުން ފްލައިޓް އެ މީހުން ނުލާ ފުރާފައިވާ ކަމަށް ވެސް ބުންޏެވެ.

ގްރޫޕުން ގެންދިޔަ ދެމީހުން މަދުން ފްލައިޓް ފުރިއިރު އެކޮޅުގައި ތިބި އެގްރޫޕުގެ އޮފިޝަލުންނަށް އެކަން ނޭނގުނު ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

އެ އާއިލާއިން ބުނިގޮތުގައި އޭގެފަހުން އާއިލާގެ މަސައްކަތުން އެއާޕޯޓަށް ގޮސް ނުފުރު ދެ އުމްރާވެރިންނާއި ސައުދީގައި ހުންނަ ދިވެހި އެމްބަސީން ހަވާލުވި ކަމަށާއި ހެނދުނު ދިޔަ އެ ދެމަފިރިން އަލުން ހޮޓަލަށް ގެންދެވުނީ ރޭ ވަރަށް ރޭގެ ވަގުތެއްގަ އެވެ.

އެމީހުން މާލެ ގެނައުމުގެ އިންތިޒާމު ގުރޫޕުން މިހާރު ހަމަޖައްސާފައިވާއިރު، ދެމީހުންނަށް ޓިކެޓް ލިބިފައިވަނީ ދެ ފްލައިޓުންކަމަށް އާއިލާއިން ބުނެ އެވެ. ފުރަން ގޮސް އެއާޕޯޓަށް ދޫކޮށްލި ދެމަފިރިން މިވަގުތު މައްކާ ހޮޓަލްގައި ތިބީ އެމީހުންގެ އަމިއްލަ ހަރަދުގައިކަން ވެސް އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން ގްރޫޕާއި އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

މިފަހުން ބައެއް ގްރޫޕުތަކުން މީހުން އުމްރާއަށް ގެންގޮސް ހާލުގައި ޖައްސާކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ދާދިފަހުން ވެސް މިފަދަ ގްރޫޕުތަކަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.