ފުވައްމުލަކުގެ ފެން ޕްލާންޓަށް މިދިޔަ މަހުގެ މެދުތެރޭގައި ދިމާވި މައްސަލަ ހައްލު ނުކުރެވި ދުވާލުގެ ބޮޑު ބައެއްގައި ފެންކަނޑަން ފަށައިފި އެވެ.

އެ ރަށުގައި ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗުން އިއްޔެ ނެރުނު ނޯޓިސްއެއްގައި ވަނީ ފެން ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށްދާތީ މިއަދުން ފެށިގެން ފެން ކަނޑާނެ ގަޑިތަކެއް ކަނޑައަޅައިފަ އެވެ.

ފުވައްމުލަކުން ފެން ކަނޑާލާ ވަގުތުތައް:

  • ހެނދުނު 9 އިން މެންދުރު 11 އަށް
  • މެންދުރު ފަހު 1 އިން ހަވީރު 6 އަށް
  • ރޭގަނޑު 8 އިން 10 އަށް
  • ރޭގަނޑު 10 އިން ފަތިހު 5:00 އަށް

ފުވައްމުލަކު ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުނުވެ ދިގުލައިގެން ދާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރެވޭނެ ދުވަހެއް ފެނަކަ އިން ނުބުނެ އެވެ.

މިދިޔަ މަހު ފުވައްމުލަކު ފެން ޕްލާންޓަށް މައްސަލައެއް ދިމާވެ، ފެން އުފެއްްދުން މަދުވުމުން ރޭގަނޑު ދަންވަރު 1 އިން ފަތިހު 4 އަށް ވަނީ ޕްރެޝަރުގައި ފެން ދޫކުރުން ހުއްޓާލައިފަ އެވެ. އަދި ޕްލާންޓަށް ދިމާވި މައްސަލަ ބޮޑުވެ، އެންމެ ފަހުން މިހާރު މިވަނީ މުޅި ރަށުން ދުވާލުގެ ބޮޑު ބައެއްގައި ވެސް ފެން ކަނޑަން ފަށައިފަ އެވެ.