ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، ކ. އާރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގެންނެވި ކިތައް ފަހަރުތޯ އޮޅުންފިލުވަން މައުލޫމާތު ހޯދަން އެދުމަކީ ޖިނާއީ ކުށެއް ކަމަށް ހަދައި އެ މައުލޫމާތު ހޯދަން އެދުނު މީހާގެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
އެ މައުލޫމާތު ހޯދަން އެދުނީ އަދަދު ނޫހާއި އަމިއްލަ ފަރާތަކުންނެވެ. މައުލޫމާތު ހޯދަން އެދުމުން ދިން ޖަވާބުގައި ވަނީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
މީގެއިތުރުން އެ ޖަވާބުގައި ބުނެފައި ވަނީ އެ މައުލޫމާތަކީ ރައީސް އަދި އެމަނިކުފާނުގެ އާއިލާގެ ސަލާމަތަށް ނުރައްކާ ވެދާނެ ގޮތަކަށް ބޭނުންކުރެވޭނެ މައުލޫމާތެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކުގެ މަގުސަދު ދެނެގަތުމަށް ކުރަންޖެހޭ ކަންކަން ދިފާއީ ބާރުން ކުރާނެ ކަމަށް އެ ޖަވާބުގައިވެ އެވެ.
އާރަށަށް ދާ ސަރުކާރުގެ އެކި ބޭފުޅުންގެ ނަންތައް ވެސް ހާމަކުރެވެން ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އަންނަނީ ބުނަމުންނެވެ.
އެ މައުލޫމާތު ހޯދަން ރައީސް އޮފީހަށް އެދުމުން ބުނީ އެއީ އެ އޮފީހުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށެވެ.
ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާގެ އާއިލާގެ ބޭފުޅުންނާއި ރައްޓިހިނާއެކު ކޮންމެ ހަފްތާއަކު އާރަށަށް ވަޑައިގެން ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ އެކި ތުހުމަތުތައް ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އާ ރަށަށް ވަޑައިގަތުމަކީ ޒާމާނުއްސުރެ ރާއްޖޭގެ ރައީސުން ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ރަށުގައި ވަޒީރުންނާ އެކު ބައްދަލުވުންތައް ބޭއްވުމަކީ ވެސް ރައީސުންނަށް ލިބޭ އިޚްތިޔާރެއް ކަމަށް ހީނާ ވިދާޅުވި އެވެ.
ނަމަވެސް އާއިލާ އާއި ރައްޓެހިން ގެންދާ ވާހަކައާ ގުޅޭގޮތުން އެއްޗެއް ވިދާޅެއްނުވި އެވެ.