މިސައިލް ފޮނުވޭ ފަދަ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ތުރުކީން ނިންމިކަން އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފި އެވެ.

ތުރުކީގެ އަސްކަރިއްޔާއިން މިކަން ހާމަކުރިޔަސް ދިވެހި ސަރުކާރުން އުޅެނީ މިކަން ސިއްރުކޮށްގެނެވެ.

ތުރުކީގެ ނޫސް އެޖެންސީ އަނަދޯލު އިން ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީންގެ އޮފިޝަލުންނާ ހަވާލަދީ މިކަން ހާމަކޮށްފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއާ އެކު އެ ގައުމުން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ.

އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރެވެ.

އެ ހަތިޔާރު ބޯޓުގައި މަސައްކަތް ކުރުމަށް ތުރުކީގައި ދިވެހި ސިފައިންނަށް ދަނީ ހާއްސަ ތަމްރީނުތަކެއް ދެމުންނެވެ. އެންމެ ލަސްވެގެން ވެސް އަންނަ މަހުގެ ތެރޭގައި އެ ބޯޓް ރާއްޖެ ގެންނާނެ ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ތުރުކީގައި ދިވެހި ސިފައިންނަށް ތަމްރީނު ދެނީ

އެ މިނިސްޓްރީން ބުނީ ރާއްޖެ ގެނައުމުގެ ކުރިން އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބޯޓްޔާޑެއްގައި ބޯޓް މަރާމާތު ކުރާނެ ކަމަށެވެ. އެ ބޯޓު ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ ކަނޑު މަގުން ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

އެ ބޯޓާ އެކު ތުރުކީ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް އެ ބޯޓުގައި ހިމެނޭ މިސައިލް ނިޒާމާއި އެހެނިހެން ވެސް އަސްކަރީ ނިޒާމްތައް އެކްޓިވޭޓް ކުރާނެ ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެ ބޯޓަށް ހާއްސަކޮށްފައިވާ ސިފައިންނަށް ރާއްޖޭގައި ވެސް ތަމްރީނުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވެސް ރޭ ނެރުނު ބަޔާނެއް ބުނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިއީ ރައީސް މުއިއްޒު، ގައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ރަހުމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދާ މަނަވަރެއް ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި އުޅަނދު ރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޚިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީ ވިލާތުގައި ދިވެހި ސިފައިންގެ ޓީމެއް ތަމްރީންވަމުން އަންނަ ކަމަށެވެ.