ޑީއާރުޕީން ދައްކަން ޖެހޭ ދަރަންޏަކަށް އެ ޕާޓީގެ ކުރީގެ ޒައީމް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޒިންމާކުރުވަން އެމްޓީީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.
ސިވިލް ކޯޓުން 2010 ވަނަ އަހަރު، އެމްޓީސީސީއަށް ޑީއާރްޕީން 1.1 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރި އެވެ. މި ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓްތަކުން ހޯދުނީ 2،609.33ރ. އެވެ. އޭގެފަހުން މައުމޫން އެ ދަރަންޏަށް ޒިންމާވާން ޖެހޭނެކަމަށް ބުނެ އެމްޓީސީސީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
އެމްޓީސީސީން މައުމޫން ޒިންމާވާން ޖެހޭނެކަމަށް ބުނަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ މާއްދާއަކާ ހަވާލާދީ އެވެ. އެގޮތުން ޕާޓީގެ ދަރަންޏަށް ޒިންމާވާނީ ޕާޓީ އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތް ކަމަށް އެ މާއްދާގައި ބުނާކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމީ ޑީއާރްޕީގެ ޒައީމް މައުމޫން އެ ފައިސާއަށް ޒިންމާ ވާން ޖެހޭ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. އެ މައްސަލަ ފަހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެމްޓީސީސީން މައުމޫނަށް ކުރާ ދައުވާ އަނބުރާ ނަގާފައިވާކަން ހާމަވެފައިވަނީ ހައި ކޯޓުން އިއްޔެ ނެރުނު އެ މައްސަލައިގެ ހުކުމުންނެވެ. ހުކުމުގައި ބުނެފައިވާ ގޮތުން އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ އެމްޓީީސީސީން ކޯޓަށް ހުށަހަޅާފައި ވާތީ، އެ ހުށަހެޅުން ބެލުމަށް ފަހު ދައުވާ ފޯމު ބާތިލްކުރުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފަ އެވެ.