ކޮވިޑުން ދިފާއުވާން ޖަރުމަނުގެ ބައޯއެންޓެކް އަދި އެމެރިކާގެ ފައިޒާ ގުޅިގެން ހަދާ ވެކްސިންގެ 2.5 ބިލިއަން ޑޯޒް މި އަހަރުގެ ފަހުކޮޅުގެ ނިޔަލަށް އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ބުނެފި އެވެ.

ވެކްސިން އުފައްދާ އެ ކުންފުނިން އިއްޔެ ބުނީ މި ޕްރޮޖެކްޓުން މިއަހަރު އެކަނި ގާތްގަނޑަކަށް 10 ބިލިއަން ޔޫރޯގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފައިޒާއިން މީގެ ކުރިން ބުނެފައިވާގޮތުން މި ދެ ކުންފުނިން މިއަހަރު އުފެއްދޭނީ 2.3 ބިލިއަނާއި 2.4 ބިލިއަނާ ދޭތެރޭގެ އަދަދެއްގެ ވެކްސިން ޑޯޒެވެ.

ބައޯންޓެކް އިން ބުނި ގޮތުގައި ވެކްސިން ޑޯޒް އުފެއްދޭނެ އަދަދު އަންދާޒާކޮށްފައި ޖަރުމަނުގައި ހަދާފައިވާ އެ މީހުންގެ އާ ފެސިލިޓީއެއް ހުޅުވައި ތާޑް ޕާޓީ މެނުފެކްޗަރުންނާއި ސަޕްލަޔަރުން ގުޅިގެން ވެކްސިން އުފެއްދުން އިތުރުވާނެ ކަމަށް ބެލެވޭތީ އެވެ.

މިދިޔަ ހަފްތާގައި ކޮވިޑް ވެކްސިންގެ 200 މިލިއަނަށް ވުރެން ގިނަ ޑޯޒް ސަޕްލައި ކޮށްފައިވާ ކަމަށް ބައޯންޓެކް އިން ބުނެފައިވެ އެވެ. އަދި މިހާތަނަށް މިއަހަރު ސަޕްލައިކުރުމަށް އެއްބަސްވެފައި ވަނީ 1.4 ބިލިއަން ޑޯޒް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.