މިއަހަރުގެ ދުނިޔޭގެ ދުވަސް ނުވަތަ "އާތު ޑޭ" ފާހަގަކުރުމުގެ ގޮތުން ގޫގުލްގެ ހޯމް ޕޭޖުގެ ޑޫޑުލްގެ "ޖީ" އަކުރުގެ ގޮތުގައި ށ. އެރިޔަދޫ ހިމަނައިފި އެވެ.
ދުނިޔޭގެ ދުވަހާ ގުޅުވައިގެން މިއަހަރު ގޫގުލްގެ ޑޫޑުލް ހާއްސަ ކުރެވުނީ ދުނިޔޭގެ ގުދުރަތީ ތިމާވެށިން ހޮވާލެވުނު ގޫގުލްގެ އަކުރުތައް ސިފަވާ ގުދުރަތީ ރީތި މަންޒަރުތަކަށެވެ.
ގޫގުލް ފެށޭ އަކުރުކަމަށްވާ "ޖީ" ސިފަކުރުމަށް ބޭނުންކޮށްފައިވާ ހިތްގައިމު އެރިޔަދޫ އުފެދިފައި އޮންނަ ގޮތުން ސިފަކުރެވެނީ އިނގިރޭސި ބަހުގެ ކެޕިޓަލް ޖީއެއް ހެންނެވެ.
ހުއިފިލަނޑާ އާލާކުރުމަށް ސަރުކާރުން ވަރަށް ކުރީއްސުރެ އަމިއްލަ މީހަކަށް ކުއްޔަށް ދޫކޮށްފައި އޮންނަ މި ރަށުގެ މަތިން ނަގާފައިވާ ފޮޓޯއެއް ޑޫޑުލްގައި ހިމެނުނު އިރު ރަށް ވަށައިގެންވާ ރީތި މޫދާއި ސާފު ހުދު ވެލިގަނޑު ބަލައިލަން ނުހަނު ހިތްގައިމެވެ.
ޑޫޑުލްގައި އެރިޔަދޫ ހިމެނުމަށްފަހު ގޫގުލް އިން ރާއްޖެ ސިފަކޮށްދެމުން ބުނީ ރާއްޖެ އަކީ ބިން ތިރިކޮށް ހެދިފައި އޮންނަ ސުވަރުގެއް ފަދަ މަންޒިލެއް ކަމަށާއި މި ރީތި ޖަޒީރާ ގައުމު އެކުލެވިގެންވަނީ ވައް ބައްޓަމަށް އޮންނަ، މުރަކަ ފަރުތަކެއްގެ މަތީގައި އުފެދިފައިވާ ވިހި އަތޮޅުގެ މައްޗަށް ކަމަށެވެ. އަދި މި އަތޮޅުތަކުގައި ރީތި ފަޅުތައް ހުންނަކަމަށާއި 'އެޓޯލް' މި ބަސް އައިސްފައި ވަނީ ވެސް ދިވެހިބަހުންކަން ގޫގުލް އިން ފާހަގަކުރި އެވެ.
"ޖީ" ގެ އިތުުރުން ގޫގުލް ގެ ފުރަތަމަ "އޯ" ގައި ފްރާންސްގެ އެލްޕްސް ފަރުބަދަތައް ހިމަނާފައިވާއިރު ދެވަނަ "އޯ" ގައި ހިމަނާފައިވަނީ ކެނެޑާގެ ކޯޓް-ނޯޑެވެ.
ގޫގުލް ގެ ދެވަނަ "ޖީ" ގައި އާޖެންޓީނާ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މެންޑޯޒާގެ މަންޒަރެއް ހިމަނާފައިވާއިރު، "އެލް" އަކުރުގައި ހިމަނާފައި ވަނީ އެމެރިކާގެ ޔޫޓާގެ ހަނަފަސް ސަރަހައްދެކެވެ.
މިއާއެކު "އީ" އަކުރުގެ ގޮތުގައި ހިމަނާފައިވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި އޮންނަ ސަރަހައްދެކެވެ.