މިދިޔަ އާދީއްތަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮލީވުޑަށް އެނބުރި އަންނަ ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާންގެ ފިލްމު "އަބީރު ގުލާލް" ސިނަމާތަކުގައި ރިލީޒް ނުކުރާނެކަމުގެ ބިރުހީވެއްޖެ އެވެ.
އިންޑިއާގެ ހަބަރުތަކުން ބުނާ ގޮތުގައި އެ ހަމަލާއަށްފަހު ޕާކިސްތާނުގެ އެކްޓަރެއް ހިމެނޭ ފިލްމެއް އަޅުވަން ގިނަ ސިނަމާތަކުން ދަނީ ފަސް ޖެހެމުންނެވެ.
މިއާއެކު ނުވަ އަހަރަށްފަހު ފަވާދު ބޮލީވުޑުން ފެންނަ ފުރަތަމަ ފިލްމުގެ މުސްތަގްބަލް މިވަގުތު އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށް ބުނެވިދާނެ އެވެ.
ޕަހަލްގަމްއަށް ދިން ހަމަލާގައި 26 އަށް ވުރެ ގިނަ މީހުން މަރުވެ، 20 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު އެ ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ރެސިސްޓަނުްސް ފްރަންޓުންނެވެ.
އެހެން ކަމުން މި ދުވަސްވަރު ޕާކިސްތާނާއި އެ ގައުމުގެ ރައްޔިތުންނާ މެދު އިންޑިއާގެ ރައްޔިތުންގެ މެދުގައި ނުރުހުމާއި ރުޅިވެރިކަން ވަނީ އުފެދިފަ އެވެ.
ފަވާދުގެ އިތުރުން ވާނީ ކަޕޫރު ވެސް ފެނިގެންދާ "އަބީރު ގުލާލް" އެންމެ ފުރަތަމަ ރިލީޒް ކުރަން އޮތީ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ. އެހެން ނަމަވެސް ހަމަލާއާއެކު އެ ތާރީހު ފަސް ކުރެވޭނެ ކަމަށް ބެލެވެ އެވެ.
ފަވާދު އަކީ "އޭ ދިލް ހޭ މުޝްކިލް"، "ކަޕޫރު އެންޑް ސަންސް" އަދި "ހޫބްސޫރަތު" ފަދަ ބޮލީވުޑް ފިލްމުތަކުން މީގެ ކުރިން ފެނިފައިވާ އެކްޓަރެކެވެ.