މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވިކަން ހާމަވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ މައްސަލާގައި ހިމެނޭ މީހުން ވަނީ އަމީންގެ ގެ ކަމަށްވާ، ގ. މާންދޫގޭދެކުނުގެ އަށް ގޮސް ޕާޓީކޮށްފަ އެވެ.

ނިވްސް ކޮންފަރެންސްގައި ސީސީޓީވީ ފްޓޭޖްތައް ދައްކަމުންދިޔަވަ ވަގުތު މައިކަށް އަރާފައިވާ އަޑުތަކުން، އަމީން ސީޕީ ޝުޖާއުއަށް ގުޅުއްވިކަން ހާމަވެ އެވެ.

އެ ނިވްސް ކޮންފަރެންސްގައި ބައިވެރިވި ފުލުސް އޮފިސަރަކު ވަނީ "މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް،" މިފަދައިން ސީޕީ ޝުޖާއު އަރިހު ވިދާޅުވެފަ އެވެ.

މި އަޑު، ނޫސްވެރިންގެ ބައްދަލުވުން ގެނެސްދިން 'ރާއްޖެ ޓީވީގެ ލައިވް ރެކޯޑިން ގެ 31:20 ގައި އަޑު އިވޭނެ އެވެ. އެ ވަގުތު ދައްކަމުންދިޔައީ ސީސީޓީވީ ފުޓޭޖު ކަމަށްވާއިރު އަޑު ނަގާފައި ހުރީ ޕްރެސް ދޭން ތިބި ފުލުހުން ވާހަކަ ދައްކަން ޖަހާފައި ހުރި މައިކުންނެވެ.

މިނިސްޓަރު އަމީން ރޭ ވަނީ މި މައްސަލައަށް ނުފޫޒުފޯރުވުމަށް އެވެސް ފަރާތަކަށް ގުޅާފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސީޕީ ޝުޖާއު ވެސް މިއަދު ވިދާޅުވީ މިނިސްޓަރު އަމީން އޭނާއަށް ގުޅުއްވާފައިނުވާ ކަމަށެވެ.

"މި ދެންނެވި މައްސަލައާ ގުޅޭ ތަހުގީގަށް އަޕްޑޭޓް ހޯދުމަށް، ނުވަތަ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމަށްޓަކައި، ގާނޫނު ތަންފީޒުކުރާ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރާއި، އަދި އެނޫން ވެސް ފަރާތަކަށް އަޅުގަނޑު އެންމެ ފޯން ކޯލެއް ވެސް ނުކުރަން،" އަމީން ލިޔުއްވި އެވެ.

މި މައްސަލާގައި ޝާމިލްވާ މީހުންގެ ތެރޭގައި އަމީންއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ހިމެނެ އެވެ.