ފްރާންސްގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވެ، ތިންވަނަ ފަހަރަށް އެގައުމު ލޮކްޑައުންއަކަށް ދިއުމަށް ރައީސް އިމަނުއަލް މެކްރޮން އިއްޔެ އަމުރު ކުރައްވައިފި އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި މި ލޮކްޑައުންގައި ސްކޫލްތައް ތިން ހަފްތާއަށް ބަންދުކުރެވޭނެ އެވެ. އަދި މި ފިޔަވަޅަކީ ތިންވަނަ ފަހަރަށް އެ ގައުމުގެ ހޮސްޕިޓަލްތައް ފުރި، ސިއްޙީ ނިޒާމަށް ނުކަތާވަރުވުމުގެ ކުރިން ހުއްޓުވުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފްރާންސްގައި މީހުން މަރުވާ އަދަދު 100،000 އާ ގާތްކުރާއިރު، ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކުގައި އައިސީޔޫތައް ވަނީ ފުރިފައިވެފަ އެވެ. އަދި އެ ގައުމުގައި ވެކްސިން ޖެހުން ކުރިޔަށްދަނީ ރާވާފައި އޮތް މިންވަރަށް ވުރެ ލަހުން ކަމަށް ވެސް މެކްރޮން ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދު ސަލާމަތްކުރުމަށް ލޮކްޑައުން ނުގޮސް ކުރިޔަށް ދިޔުމަށް ރައީސް ކަނޑައަޅުއްވާފައި އޮތް އަމާޒު ވަނީ ދޫކޮށްލަންޖެހިފަ އެވެ.

ގައުމާ މުހާތަބުކުރައްވައި ރައީސް ވިދާޅުވެފައިވަނީ މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ އެ ގައުމުގެ ހާލަތު ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އަދި އެ ގައުމުގެ ބައެއް ހިސާބުތަކަށް މަނާކުރެވިފައި އޮތް ދަތުރުފަތުރުގެ ލޮކްޑައުން މިއަދުން ފެށިގެން މުޅި ގައުމުގައި އަމަލުކުރުން މަޖުބޫރުވެގެންދާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.

މި ހަފްތާ ބަންދަށްފަހު އިތުރު އެއް ހަފްތާގެ ކިޔުވުން އޮންލައިކޮށް ކުރިޔަށް ގެންދިޔުމަށްފަހު ދެ ހަފްތާގެ ޗުއްޓީއަކަށް ސްކޫލްތައް ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި މި ބަންދު މިދެވެނީ އެ ގައުމުގެ ތައުލީމީ ކަލަންޑަރުގައި ޝެޑިޔުލްކުރެވިފައިވާ ވަރަށް ވުރެ އަވަހަށެވެ.

ލޮކްޑައުންއާއެކު ނާސަރީ އަދި ޕްރައިމަރީ ދަރިވަރުންގެ ކިޔެވުން އެކީ ހުއްޓާލާއިރު ސާނަވި އަދި މަތި ސާނަވީ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް އިތުރު އެއް ހަފަތާއަށް ކުރިޔަށް ގެންދަން ވެސް ނިންމާފައިވެ އެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވެފައިވާ ގޮތުގައި މިއީ މި ހާލަތުގައި އެ ގައުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި މި ޕެންޑެމިކްގެ ތެރޭގައި އެގައުމުގެ ތައުލީމީ ނިޒާމު އަވަށްޓެރި އެހެން ގައުމުތަކާ އަޅާބަލާއިރު ގިނަ ދުވަހަށް ދެމެހެއްޓިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރާންސްގައި ބަލި ފެތުރޭ މިންވަރު އެވަރޭޖް ގޮތެއްގައި 40،000 އަށް އިތުރުވިއިރު މިއީ މިދިޔަ ފެބްރުއަރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އައިސީޔޫގައި ފަރުވާދޭ ބަލި މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް އަރާ، މިދިޔަ އަހަރުގެ ފަހު ކޮޅު އެ ގައުމުން އިއުލާންކުރި ހަ ހަފްތާގެ ލޮކްޑައުންގައި ވެސް އައިސީޔޫ ކޭސްތައް ގިނަ ނުވާ މިންވަރަށް މިވަނީ އިތުރުވެފަ އެވެ. މިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައުމުގެ ކްރިޓިކަލް ކެއާ ޔުނިޓުތަކުގެ އެނދުތައް 10،000 އަށް އިތުރުކުރެވިފައިވާ ކަމަށް މެކްރޮން ވިދާޅުވި އެވެ.

މިލޮކްޑައުންއާއި ގުޅިގެން 150،000 ވިޔަފާރިއެއް ވަގުތީގޮތުން މެދުކަނޑާލަން ޖެހި މިކަމުގެ ސަބަބުން 11 ބިލިޔަން ޔޫރޯގެ ގެއްލުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި މިއީ މަހެއްގެ މައްޗަށް 12.86 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ފްރާސްގެ އިގްތިސާދަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޔޫރޯ ޒޯންއަށްވެފައި، ޕެންޑެމިކްގެ ސަބަބުން ޔޫރަޕުން މި އިގްތިސާދީ އަނދަވަޅުން އަރައި، އެމެރިކާ އަދި ޗައިނާ ފަދަ ގައުމުތައް ފަދައިން ހަލުވިކޮށް އަރައިގަންނާނެ ކަމަށް ކޮށްފައިވާ އުންމީދު، މި ލޮކްޑާއުންގެ ސަބަބުން މިވަނީ ގެއްލިފަ އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި އެ ގައުމުގައި ވެކްސިން ޖެހުން ހަލުވިކުރަން ޖެހެ އެވެ. އެކި ސަބަބުތަކާ ހެދި އެ ގައުމުގެ ވެކްސިންގެ ކެމްޕެއިން ވެސް ވަނީ ލަސްވެފައިވެ އެވެ. އަދި މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެ ގައުމުގައި ވެކްސިން ޖެހިފައި ވަނީ މުޅި އާބާދީގެ 12 އިންސައްތަ މީހުންނަށެވެ.

ނަމަވެސް މި މަހުގެ މެދުތެރޭގައި އާބާދީގެ 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާއިރު އުމުރުން 50 އަހަރުގެ މީހުންނަށް ޖެހިގެން އަންނަ މަހުގައި ވެކްސިން ދެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ޖޫން މަހުގެ މެދުތެރޭގައި އުމުރުން ދުވަސްވެފައިވާ މީހުންގެ ތެރެއިން މުޅި ޖުމްލަ 30 މިލިޔަން މީހުންނަށް ވެކްސިން ޖެހުމަށް އަމާޒުކުރާ ކަމަށް މެކްރޮން ވިދާޅުވި އެވެ.

ލޮކަޑައުންއާއި ހަލުވި ވެކްސިންގެ ކެންޕެއިނަކާއެކު މެއި މަހުގެ މެދުތެރޭގައި އެ ގައުމު އަލުން ހުޅުވާލެވޭނެ ކަމަށް ރައީސް އުންމީދު ކުރައްވަ އެވެ.