ފެނަކަ ކޯޕަރޭޝަންގެ މުދާ ހިފައިގެން، މާލެ އިން ތ. ގުރައިދޫއަށް ތިން މީހުންނާއެކު ދަތުރުކުރި ކޮޅުވެއްޓި އެއް ބަންޑުންޖަހާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ "ޝަފުރާޒް" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލުމުން އެ ސަރަހައްދުގައި ކޯސްޓްގާޑް ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވާ ވަނީ މިއަދު 1:13 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ކޮޅުވެއްޓި ގުރައިދޫ އަށް ވެއްދުމަށް އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގައި ތިބި މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި ތ. ދިޔަމިގިލި ހެލްތު ސެންޓަރަށް 1:45 ގައި ގެންގޮސްފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ ކޮޅުވެއްޓީގައި ހުރީ ފެނަކަ ކޯޕަރޭޝަންގެ ކާގޯގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ސާމާނު ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ނުލިބެ އެވެ.