މުޅިން "އާ ރޮކެޓް ލޯންޗް" އަކާއެކު ޗައިނާގެ ޖައްވީ ޕްރޮގްރާމް ބާރަށް ކުރިއަށް ދާކަން މުޅި ދުނިޔެއަށް އެ ގައުމުން ދައްކާލައިފި އެވެ.

"ޝެންޒޫ-20"ގެ ނަމުން ނަން ދެވިފައިވާ އެ ރޮކެޓް މީގެ ދެތިން ދުވަސް ކުރިން ޗައިނާގެ ހުޅަނގު އުތުރުގައިވާ ސަހަރާއެއް ކަމަށްވާ ގޯބީ ޑެޒާޓްއިން ނައްޓާލީ ތިން އެސްޓްރޮނޯޓުންނާ އެކީގަ އެވެ.

ޗައިނާގެ ހަބަރުތައް ބުނާ ގޮތުގައި އެ ރޮކެޓްގައި ޖައްވަށް ދިޔަ ސައިންްސްވެރިން ދިޔައީ ޗައިނާގެ ޖައްވީ ސްޓޭޝަނަށް ކަމަށާއި އެތަނުގައި ހަ މަސް ދުވަހު އެ މީހުން މަޑުކުރާނެ އެވެ.

މިއީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިންސާނުން ހަނދަށް ފޮނުވަން ޗައިނާއިން ކުރާ މަސައްކަތުގައި ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ.

ޗައިނާގެ ސަރުކާރުން ވަނީ ދެން އެންމެ އަވަހަށް ހަނދަށް އިންސާނުން ފޮނުވާ ގައުމަށް ވުމަށް އަމާޒު ހިފައި އެކަމުގެ މަސައްކަތްތައް މެކުހަށް ޖަހާފަ އެވެ.

ހުކުރު ދުވަހުގެ ރޮކެޓް ލޯންޗު ބެލުމަށްޓަކައި ގޯބީ ޑެޒާޓަށް އެތައް ސަތޭކަ ބަޔަކު ވަނީ އެއްވެފަ އެވެ.