އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން ފުލުހުންނަށް ކުރި އަމުރުގައި ވަނީ އިބްރާ އަކީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ކޯޓު އަމުރާ ހަވާލުވެފައި ނުވާތީ ކޯޓަށް ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1:45 އަށް ސިވިލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އެ ގަޑިއަށް ހާޒިރުނުކުރެވޭ ނަމަ، ހާޒިރުކުރުމަށް އަންގާފައިވާ ގަޑީގެ އެއް ގަޑިއިރު ކުރިން ލިޔުމަކުން ކޯޓަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އިބްރާ ކޯޓަށް ހާޒިރުކުރާއިރު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަންތައްތައް ކަށަވަރުކޮށް، އެ މިންގަނޑަށް ފެތޭގޮތަށް ހާޒިރުކުރަން ވެސް އަމުރުގައިވެ އެވެ.

އޭނާ ކޯޓަށް ހާޒިރުކުރަނީ ކޯޓުން ބަލަމުން އަންނަ ސާބިތު ދަރަނީގެ މައްސަލައެއްގެ ޝަރީއަތަށެވެ.

މިކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި އިބްރާ ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ އަމުރެއް އޭނާއަށް ލިބިފައިނުވާ ކަމަށެވެ.

"ކީއްކުރާނީ. ޗިޓެއް ހިފައިގެން މިގެއަކަށް ނާދޭ. މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ދިޔައިން. ކޯޓުން އެތައް ޗިޓެއް މެއިލް އާއި ވައިބާއިން މަށަށް ފޮނުވާ. ދެ ރޭ ކުރިން ވެސް ފޮނުވި،" އިބްރާ ވިދާޅުވި އެވެ.