ނ. ހޮޅުދޫ ގޭގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އާއިލާގެ ފަރާތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީއެއް ފޮނުވައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގައި އާއިލާގެ ފަރާތުން ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވައި، އެ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ. މި ސިޓީއަށް ޖަވާބު ދެމުން ޕީޖީ އޮފީހުން ބުނެފައިވަނީ އާއިލާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ބެލުމަށް ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްޓަކައި މި އޮފީހުން ވާނީ ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީއެއް ފޮނުވާފައި. އެ ސިޓީގެ ޖަވާބު ލިބުމުން، މި އޮފީހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބެއް ދޭނެ ވާހަކަ ދަންނަވަން" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޒަކިއްޔާގެ އާއިލާގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވި ސިޓީގައި އެދިފައިވަނީ ޒަކިއްޔާގެ ހަށިގަނޑު އަލުން ކޮނެގެން ނަގައި، އޮޓޮޕްސީއެއް ހެދުމަށާއި، މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިވެ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ބެލުމުގެ ދަށުން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ނަމަވެސް، ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީން އޭނާއަށް މީހަކު އަނިޔާއެއް ދީފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން ވަނީ އެކި ފަހަރު މަތިން އިހުތިޖާޖުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި މައްސަލައިގައި ހަގީގަތް ހޯދައި، އިންސާފު ގާއިމުކުރުމަށް އާއިލާގެ ފަރާތުން އަދިވެސް މަސައްކަތް ކުރަމުންދެ އެވެ.