މިދިޔަ މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ކަޝްމީރުގެ އަވަށެއް ކަމަށްވާ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން އިންޑިއާގެ ގިނަ ކަންކަމަށް ވަނީ އަސަރުކޮށްފަ އެވެ.
މި ހަމަލާއާއެކު އިންޑިއާގެ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ދާއިރާ، ބޮލީވުޑަށް ވެސް މިވަނީ ގިނަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ޕެހެލްގަމް ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ޖަމާއަތަކުން ނަގާފައިވާއިރު، އެކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ބަޔަކީ ބޮލީވުޑްގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ ފަންނާނުންނެވެ. އެގޮތުން ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ ފަވާދު ޚާން ފެނިގެންދާ ފިލްމެއް ކަމަށްވާ "އަބީރު ގުލާލް" ރިލީޒް ކުރަން އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވީނަމަވެސް ހަމަލާއާއެކު ގިނަ ސިނަމާތަކުން ވަނީ އެ ފިލްމު ބޮއިކޮޓް ކޮށްފަ އެވެ.
މީގެ އިތުރުން ބޮލީވުޑްގެ ކުރިއަށްހުރި އެހެން އުފެއްދުންތަކުގެ މަސައްކަތް ވެސް މި ހަމަލާއާއެކު ވަނީ މަޑުޖެހިފަ އެވެ. އާމިރު ޚާންގެ "ސިތާރޭ ޒަމީން ޕަރް"ގެ ޓީޒާ ދައްކާލުން ތާވަލު ކުރެވިފައިވީ ނަމަވެސް މިހާރު އެކަން ވެސް ވަނީ ފަސް ކުރެވިފަ އެވެ.
ހަމައެއާއެކު ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ހިމެނޭހެން ލަންޑަނުގައި ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ކޮންސެޓެއް ވެސް ކެންސަލް ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެ އިވެންޓުގައި މާދޫރީ ޑިކްސިޓް، ދިޝާ ޕަތާނީ، ވަރުން ދަވަން، ޓައިގާ ޝްރޮފް އަދި ސަލްމާން ޚާން ފަދަ ތަރިން ބައިވެރިވާން އޮތެވެ.
ކަޝްމީރަށް ދިން ޓެރަރިސްޓް ހަމަލާ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކުށްވެރި ކުރަމުން އަންނައިރު އެ ހަމަލާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާން ވެސް ބޮލީވުޑްއާ ގުޅުންހުރި ބައެއް ފަރާތްތަކުން މަސައްކަތް ކުރެ އެވެ.