ކޮލެޖަށް ގޮސް މަތީ ތައުލީމް ފުރިހަމަ ނުކުރެވުނީތީ މިހާރު ހިތާމަކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޯނަމް ކަޕޫރު ބުނެފި އެވެ.
ދާދި ފަހުން "ވޯގް"އަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނީ ފުރާވަރު ދުވަސްވަރު އޭނާގެ ވިސްނުން ހުރީ މިހާރާ އަޅާބަލާއިރު ވަރަށް ތަފާތުކޮށް ކަމަށާއި ވާހަކަ ދެއްކުމަށްވުރެ އަޑު އެހުން މުހިއްމުކަން އޭނާއަށް މިހާރު ވިސްނޭ ކަމަށެވެ.
"އޭރު މީހުންނާ ދޭތެރޭ ގެންގުޅޭ ވިސްނުން މިހާރަކު ނުގެންގުޅެން. އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަން މިހާރު ވިސްނޭ" ސޯނަމް ބުންޏެވެ
ސޯނަމް އިތުރަށް ބުނެފައިވަނީ މިފަހުން އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ ކިޔެވި ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާއަށް އޭނާ ގެންދިޔަ ކަމަށާއި އެއީ ހަޔާތުގައި ހަސަދަވެރިކަމުގެ އިހުސާސް ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
އޭގެ އިތުރުން ސޯނަމްގެ ދަރިފުޅު ވާޔޫގެ މަތީ ތައުލީމަށް މިހާރުއްސުރެ ފައިސާ އެއްކުރަމުން އަންނަ ކަމަށް ވެސް ސޯނަމް ބުންޏެވެ. އެގޮތުން ވާޔޫއަކީ ފޮތް ކިޔަން އަހުލުވެރި ކުއްޖަކަށް ވާން އޭނާ ބޭނުންވާ ކަމަށް ވެސް ސޯނަމް ބުންޏެވެ.
ސޯނަމްގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ފަހުން އޭނާ ފެނިގެންދިޔައީ 2023 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "ބްލައިންޑް"އިންނެވެ.