ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒްއަށް ފަހު، ޓެސްޓުނުކޮށް އެމެރިކާގައި ދަތުރުކުރެވޭނެ ގޮތް ހަދައިފި އެވެ.
އެމެރިކާގެ ސެންޓަސް ފޮ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން އިއްޔެ އިއުލާންކުރި ގޮތުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކޮވިޑް ޓެސްޓު ނުކޮށް އެމެރިކާގައި ދަތުރު ކުރެވޭނެ އެވެ. ނަމަވެސް ދަތުރުކުރާއިރު މާސްކް އެޅުން މަޖުބޫރުވާނެ ކަމަށް ބުނެފައިވެ އެވެ.
ސީޑީސީން ބުނިގޮތުގައި އާ ގައިޑްލައިނާ އެއްގޮތައް މީހުން އުޅޭނެކަމާދު ސުވާލު އުފެދެ އެވެ. ސަބަބަކީ މިހާރު ވެސް މީހުން ދަތުރުކޮށް އުޅޭނީ އެބަޔަކު ބޭނުން ގޮތަކަށް ކަމަށް ވާތީ ކަމަށް އެ ސެންޓަރުން ބުނެފައިވެ އެވެ.
އެމެރިކަން އެއާލައިން އިން ހޯމަ ދުވަހު ބުނިގޮތުގައި އެ އެއާލައިންގެ ބުކިންތައް ޕެންޑެމިކްގެ ކުރީގައި ލިބުނު ބުކިންތަކުގެ 90 އިންސައްތައަށް ވަނީ އަރައިފަ އެވެ.
މި އާ ގައިޑްލައިނަކީ ކޮވިޑް ޓެސްޓު ހެދުމަކާ ނުލާ އަދި ކަރަންޓީނުވުމަކާ ވެސް ނުލާ ވެކްސިން ފުރިހަމަވެފައި ތިބި މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަނޑައަޅާފައިވާ ގައިޑްލައިނެކެވެ.
ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ބަލިޖެހުން ދުރު ނަމަވެސް ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ދަތުރު މަޑުޖައްސާލަން ރަނގަޅު ކަމަށް ސީޑީސީން ބުނެފައިވެ އެވެ.
އެމެރިކާގައި ހުކުރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންގެ އަދަދު 100 މިލިއަނަށް ވަނީ އަރައިފަ އެވެ. އެ ގައުމުގައި މިހާތަނަށް 56 މިލިއަން މީހުންނަށް ދެ ޑޯޒުގެ ވެކްސިން ވަނީ ދީފަ އެވެ. ފުލީ ވެކްސިނޭޓެޑް މީހަކަށް ވަނީ ވެކްސިންގެ ފަހު ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުންނެވެ.
ގައިޑްލައިންއާ އެއްގޮތަށް ވެކްސިން ޖެހިކަމުގެ ހެކި ދޭން ޖެހޭ ކަމެއް ހިމަނާފައި ނުވިނަމަވެސް އެމެރިކާގެ އެއާލައިންތަކުން މިފަދަ ހެއްކެއް ބޭނުން ވެ އެވެ.
އެހެން ގައުމުތަކަށް ދަތުރު ކުރާ މީހުންނަށް ވެސް މިފަދަ ގައިޑްލައިނެއް ހެދިފައިވެ އެވެ.
ނަމަވެސް ސީޑީސީން ބުނިގޮތުގައި އެނބުރި އެމެރިކާއަށް އަންނަ މީހުން ނެގެޓިވް ޓެސްޓް ނަތީޖާ ބޭނުންވާނެ އެވެ. އަދި ބައެއް ގައުމުތަކުން ވެސް އެ ގައުމަށް އެތެރެވުމުގެ ކުރިން ކޮވިޑް ނެގެޓިވް ޓެސްޓެއް ބޭނުންވެ އެވެ.
ގަވާއިދުތަކުގައިވާ ގޮތުން ވެކްސިން ޖެހުމަށްފަހު ވެސް ދަތުރުކުރާ މީހުން ވެސް މާސްކް އަޅަން ޖެހޭނެ އެވެ. އަދި މީހުން އެއްވުމާއި ދުރުވާން ޖެހޭނެ އެވެ. އަދި ގިނަ ގިނައިން އަތް ދޮވުން ވެސް މި ގަވާއިދުގައި ހިމެނެ އެވެ.
މާޗް މަހުގެ ކުރީ ކޮޅުގައި ސީޑީސީން ބުނިގޮތުގައި ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެސް ކުދި ގުރޫޕްތަކުގައި މާސްކާއި ފިޒިކަލް ޑިސްޓެންސިންއާ ނުލާ ވެސް އެއްވެ އުޅުން ހުއްދަ ކުރަން ވިސްނާނެ އެވެ.