ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލާގައި ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރައްވާ ބައްދަލުވުން ހުޅުވާލައިގެން ބޭއްވުމަށް، ބާ ކައުންސިލުން އެދެފި އެވެ.
އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އަޒްމިރާލްދާ އާއި މަހާޒަށް ކޮށްފައިވާއިރު އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.
އިއްޔެ ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި މި ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުން ވަކިކުރަން ނިންމުމަށް ފަހު، ވަކިކުރުމުގެ މައްސަލަ މަޖިލީހަށް އިއްޔެ ފޮނުވި އެވެ. އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާކަން މަޖިލީހުގެ ރައީސްގެ މޭޒުން އިއުލާންކުރުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް، މިއަދު ޖުޑީޝަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް ވަނީ ބާއްވާފަ އެވެ.
މިއަދުގެ ބައްދަލުވުން ނިންމާލީ، ތަހުގީގު ކޮމިޓީގެ ރިޕޯޓާއި އިތުރު ލިޔެކިޔުންތައް ދިރާސާކުރުމަށް ވަގުތު ހޭދަކުރުމަށް މެމްބަރުން އިއްތިފާގުވެގެންނެވެ.
މިކަމާ ގުޅޭގޮތުން ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި އެދިފައިވަނީ ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި އަމަލުކޮށްފައިވަނީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދިނުމަށެވެ. އޭގެ
ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް ރިއާޔަތްކުރުމަށާއި ކޮމިޝަނުން މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަކީ ކަމާ ގުޅުން ހުރި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދިނުމަށްވެސް ބާކައުންސިލުން އެދިފައިވެ އެވެ.
ފަނޑިޔާރުން ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީވުމަށް އެކަށީގެންވަ ވަގުތު ދިނުމަށާއި ފަނޑިޔާރުންގެ އިއުތިރާޒް ނެތް ނަމަ، އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ.
ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގެން އަޒްމިރަލްދާ އާއި މަހާޒުވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.
މި ދެ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދުގެ މައްސަލަ ވެސް ބެލުމަށް ޖުޑީޝަލް ކޮމިޝަނުން ނިންމި ނަމަވެސް މައްސަލަ ބަލަން ފެށުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.
މި ތިން ފަނޑިޔާރުންގެ މައްސަލަ ކުއްލިއަކަށް ބަލަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑިި ގެއްލޭނެހެން ގާނޫނަށް އިސްލާހު ގެނައި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
މިއާއެކު ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ. ނަމަވެސް ރައީސް ވިދާޅުވީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު ފާސްކުރުން ބެލުމަށް ސްޕްރީމް ކޯޓުގެ ބެންޗުން ނިންމުމާއި އެކަމާއި ގުޅިގެން ޖޭއެސްސީގެ މެންބަރުން ބަދަލުކުރުން އަދި ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރުމަކީވެސް މުޅިންވެސް "އިއްތިފާގު" ކަމަށެވެ.