ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ އެނިސްޓަންގެ ސެކިއުރިޓީ އޮފިސަރުން އޭނާގެ ގެއަށް ވަންނަން މަސައްކަތްކުރި މީހަކު ހިފަހައްޓައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ކާކުކަން ނޭނގޭ މީހަކު ވަނީ ލޮސް އެންޖެލަސްގައި ހުންނަ ޖެނިފާގެ ގޭގެ ގޭޓުގައި އޭނާގެ ކާރުން ޖައްސާފަ އެވެ. އޭނާ މަސައްކަތްކުރީ ކާރުން ޖައްސައި ގޭޓު ހަލާކު ކޮށްލުމަށްފަހު ގޭގެ ގޯތި ތެރެއަށް ވަންނާށެވެ.

އެހެން ނަމަވެސް އެ ވަގުތު ޑިއުޓީގައި ތިބި ޖެނިފާގެ ސެކިއުރިޓީ އޮފިސަރުން ވަނީ އެ މީހާ ހުއްޓުވައި ބަޑިން ބިރު ދެއްކުމަށްފަހު ފުލުހުންނާ ހަވާލު ކޮށްފަ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އެ ގެއަކީ ޖެނިފާ ދިރިއުޅޭ ގެއަށް ނުވިޔަސް އޭނާގެ ނަން މަތީގައި ރަޖިސްޓްރީ ކުރެވިފައިވާ ގެ އެކެވެ.

މި ހާދިސާގައި އެ ގޭގެ ގޭޓަށް ގެއްލުންވުން ފިޔަވައި އިތުރު އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު މީހާއަށް މިހާތަނަށް އެއްވެސް ދައުވާއެއް އުފުލާފައިނުވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.