މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ހާލަތާމެދު ހަމްދަރުދީވާ ކަމަށް ހޮލީވުޑްގެ އެކްޓަރު ބެން އެފްލެކް ހާމަކޮށްފި އެވެ.
ދާދި ފަހުން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ބެން ބުނީ ބްރިޓްނީގެ ހާލަތުގެ ސަބަބުން އޭނާއަށް ކުރިން ކުރެވިފައިވާ ތަޖުރިބާތަކުގެ ހަނދާން އާވާ ކަމަށެވެ. އެގޮތުން މީޑިއާގެ ފަރާތުން ބްރިޓްނީއަށް މެދުނުކެނޑި އަމާޒުވާ ފާޑުކިޔުންތައް އޭނާއަށް ހައްގުނުވާ ކަމަށް ދޭހަވާ ގޮތަށް ބެން ވާހަކަ ދެއްކި އެވެ.
"އަހަރެން އޭނާއަށް ވަރަށް ހަމްދަރްދީ ވަން. އެއީ އަހަރެންގެ ވެސް އެކަހަލަ ތަޖުރިބާތަކެއް ހުރީމަ. އެއީ ގިނަ މީހުންނަށް އެނގޭނެ ކަމެއް ނޫން،" ބެން ބުންޏެވެ.
އޭނާއާއި ބްރިޓްނީގެ މެދުގައި މާ ގިނަ އެއްގޮތް ކަންތައްތަކެއް ނެތް ނަމަވެސް ބްރިޓްނީއަށް ކުރިމަތިވާ ގޮންޖެހުންތައް އޭނާއަށް އިހުސާސްވާ ކަމަށް ވެސް ބެން ބުންޏެވެ.
މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބްރިޓްނީގެ އަމަލުތައް ހުންނަ ގޮތުން އާއްމުންނާއި މީޑިއާގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެ އެވެ.