"އެބައިމީހުންގެ އުޅުމާމެދު ވިސްނާއިރު، އުތުރުގެ އަތޮޅުތަކާ އަދި މާލޭގެ މީހުން، ދެކުނުގެ މީހުންނާ އަޅާ ބެލުމަށް ރީތިވެފައި އަޚުލާގާއި އާދަކާދަތައް މޮޅެވެ. ދެކުނު އަތޮޅުތަކުގެ މީހުން އެކަނި ސިފަ ހުތުރުވެފައި ކަޅުވެފައި އުޅުން ނުބައިއްޔަކީ ނޫނެވެ. އެބައި މީހުންގެ ވާހަކަ ދައްކާ ބަސް ވެސް ކުރަކިވެފައި މާ ހަޑި އެވެ."
މަތީގައި އެވަނީ ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން މިނިވަންކޮށް ދެއްވި ސުލްތާނު މުހައްމަދު ތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ވެރިކަމުގައި ރާއްޖޭގައި އުޅުނު ފްރާންސްގެ ރައްޔިތެއް ކަމަށްވާ ފްރާންސްވާ ޕިރާޑް ރާއްޖޭގެ ދެކުނުގެ މީހުނާމެދު ދައްކާފައި އޮތް ވާހަކަ އެކެވެ. މިތާނގައި މިގެނެސްދިނީ ޕިރާޑުގެ ލިއުން ދިވެހި ބަހަށް ތަރުޖަމާކުރެއްވި ހ. މީރުބަހުރުގެ، މުހައްމަދު އިސްމާއީލް ދީދީ ލިއުއްވާފައި އޮތް ގޮތަށެވެ. އެ ލިއުންކޮޅުގައި އިތުރަށް ލިޔެފައި ވާގޮތުގައި ދެކުނުގެ އަތޮޅުގެ އަންހެނުން ހެދުން ވެސް އަޅައި އުޅެނީ ކިރިޔާ އައުރަ ނިވައިވާ މިންވަރަށެވެ.
ޕިރާޑުގެ ފޮތުގެ އިނގިރޭސި ތަރުޖަމާގައި މިވާހަކަ ފަށާފައި އޮތީ ދިވެހިންގެ އަސްލާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޕިރާޑު ލިޔެފައިވާގޮތުން ދިވެހިންގެ އަސްލަކީ ސިންގަޅައިން ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް ޕިރާޑަށް އެކަން ގަބޫލުކުރަން ދަތި ކަމަށް ލިޔެފައި އޮވެ އެވެ. ސަބަބަކީ ދިވެހިންނާ އަޅާބަލާއިރު ސިންގަޅައިންގެ ކުލަ ކަޅުވެފައި ސިފަ ހުތުރުވުމެވެ. އެ ވާހަކަ ގެނެސްފައި އޮތީ ރާއްޖޭގެ ދެކުނާއި އުތުރުގެ މީހުންގެ ތަފާތު ޕިރާޑަށް ފެނުނު ފަދަ ގޮތަކަށެވެ.
ޕިރާޑު ދުށް ގޮތުގައި ދިވެހިންނަކީ ކުޑަކޮށް ޒައިތޫނި ކުލަ ހުރުން ފިޔަވައި ހަމަ ޔޫރަޕް މީހުން ފަދަ ސިފަރީތި ކުލަ އަލި ބައެކެވެ. އެމީހުންގެ ތެރެއިން ދެކުނުގެ މީހުން ވައްތަރީ ސިލޯނުގެ ސިންގަޅައިންނާ އެވެ. އެ ދެބައި މީހުންނަކީ ވެސް ސިފަ ހުތުރު، ކުލަ ކަޅު، ބަސްމަގު ކުރަކި، ބައެއްގެ ގޮތުގައި ޕިރާޑު ސިފަކުރި އެވެ.
ޕިރާޑު ދުށްގޮތުގައި މާލެއާއި އުތުރުގެ މީހުން ތަހުޒީބުވެ، ހުނަރުވެރިވެފައި ވުމުގެ ސަބަބަބަކީ އެ ހިސާބަށް ދާ ބޭރު މީސްމީހުންނެވެ. އެ ޒަމާނުގައި އިންޑިއާ ކަނޑުގައި ދަތުރުކުރާ ގިނަ އަދަދެއްގެ ދަތުރުވެރިން މާލެއާއި އުތުރުގެ ރަށްރަށަށް ޒިޔާރަތް ކުރެ އެވެ. ޚާއްސަކޮށް ރާއްޖެއަށް އުރޭ އުޅަނދުތަކުގެ މީސްމީހުން ރާއްޖޭގައި ވަޒަންވެރިވެ އެމީހުންނާ މަސްހުނިވުމުގެ ސަބަބުން ދިވެހިންގެ ތެރެއަށް ތަހުޒީބާއި ތަމައްދުނުގެ އަސަރު ފޯރުން އިތުރުވެ އެވެ. ޕިރާޑަށް އެކަން އެންމެ ބޮޑަށް ފާހަގަވީ މާލެއާއި އުތުރުގެ ރަށްރަށުންނެވެ.
އުތުރާއި ޚިލާފަށް ދެކުނަކީ އެކަހެރިވެފައި އޮންނަ ތަނެއްގެ ގޮތުގައި ޕިރާޑަށް ފެނުނެވެ. އެހެން ނަމަވެސް ޕިރާޑު ވެސް އެއްބަސްވެފައިވާ ގޮތުގައި ދެކުނުގެ މީހުންނަކީ ވެސް ވަކި ބުއްދިވެރިކަން ކުޑަ ބައެއް ނޫނެވެ. ބޮޑެތި ސިޔާސީ ކުށްވެރިން އޭރު ވެސް އަރުވާލަނީ ދެކުނަށެވެ.
ރާއްޖޭގެ ދެކުނާއި އުތުރުގެ މީހުންނާ މެދު ޕިރާޑު ލިޔުއްވި ވާހަކައަށް އޭނާގެ ފޮތް އިނގިރޭސި ބަހަށް ތަރުޖަމާގައި އެޗްސީޕީ ބެލްގެ ފުޓް ނޯޓު ހިމަނާފައިވެ އެވެ. ދެކުނުގެ މީހުންނާއި ސިންގަޅައިންނާ މެދު ޕިރާޑު ލިޔުނު ލިޔުމަށް ސީދާ ދެކޮޅު ނެހެދި ކަމުގައި ވިޔަސް ބެލް ލިޔެފައި ވަނީ އޭނާގެ ޒަމާނުގައި ފެންނަން ހުރި ހަގީގަތާ އެ ވާހަކައާ ފުށު އަރާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކާ ބެހޭ ގޮތުން އެ ދުވަސްވަރުގެ މައުލޫމާތު ވަރަށް މަދު ކަމަށް އެއްބަސްވަމުން އެ ނޯޓުގައި ވަނީ 1880 ވަނަ އަހަރު ހުވަދު އަތޮޅަށް އުރުނު ނަވެއް ކަމަށްވާ އެސްއެސް ކޮންސެޓްގެ ކެޕްޓަންގެ ބަޔާނަކާ ހަވާލާދީފަ އެވެ.
"އެ މީހުންނަކީ ވަރަށް އެހީތެރި ހިތް ހެޔޮ ރަހުމަތްތެރި ބައެކެވެ." ހުވަދު އަތޮޅުގެ މީހުނާ ބެހޭ ގޮތުން އެސްއެސް ކޮންސެޓްގެ ކެޕްޓަން ލިޔެފައިވެ އެވެ. އޭނާ އިތުރަށް ލިޔެފައިވާ ގޮތުގައިވާ ގޮތުގައި އެ މީހުންނަކީ ވަރަށް ހޭލުންތެރި ބައެކެވެ. އެ މީހުންގެ އަތުގައި އަމިއްލަ ބަހުން ލިޔެފައިވާ ފޮތްތައް ވެސް ހުރެ އެވެ. އެމީހުންނަކީ ހުނަރުވެރި، އުފެއްދުންތެރި ބައެކެވެ. އަމިއްލަ އަށް އެއްޗެހި އުފައްދާ ބައެއް ކަމަށް ވެސް ލިޔެފައިވެ އެވެ. އެ މީހުންގެ ކުޑަކުދިންނާ ބެހޭގޮތުން ލިޔެފައިވާ ގޮތުގައި އެ ކުދިންނަށް ވަރަށް ކުޑައިރު ލިޔެ ކިޔަން ދަސްކޮށްދެ އެވެ. ޚާއްސަކޮށް އަންހެނުންނަކީ ވަރަށް ރީތިކޮށް ހެދުން އަޅައިގެން ނަލަ ހެދިގެން ތިބޭ ބައެކެވެ.
އެސްއެސް ކޮންސެޓްގެ ކެޕްޓަން ހުވަދު އަތޮޅު މީހުންނާ ބެހޭ ގޮތުން ލިޔުން ވާހަކަ ލިޔެފައި އޮތީ ޕިރާޑް ރާއްޖޭގައި އުޅުނު ދުވަސްވަރަށް ވުރެ 200 ވަރަކަށް އަހަރު ފަހުންނެވެ. އެހެން ނަމަވެސް ޕިރާޑު ލިޔެފައިވާ ފަދަ ޖާހިލުކަމަކުން އަރައިގަނެ ތަހުޒިބު ބައެއްގެ ގޮތުގައި ވުމަށް އެ 200 ވަރަކަށް އަހަރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް އައި އިންގިލާބީ ބަދަލުތަކެއް އޮތް ކަމަށް ނުފެނެ އެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ ޕިރާޑު ރާއްޖެ އައުމުގެ ކުރިން ދިވެހި ރާއްޖެ ޕޯޗްގީޒުންގެ އަތް ދަށުން ސަލާމަތް ކުރެއްވި އުތީމު މުހައްމަދު ތަކުރުފާނު ރާއްޖޭގެ ދެކުނުގެ ހާލަތު ބައްލަވާލެއްވުމަށް ޒިޔާރަތް ކުރެއްވިކަމެވެ. އެމަނިކުފާނަށް ފެނިވަޑައިގެންނެވީ އެ މީހުންގެ ހާލަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން ޕިރާޑު ރާއްޖޭގައި އުޅުނުއިރު، ރާއްޖޭގައި ހުރި އެންމެ ބޮޑު ދީނީ އިލްމުގެ މަރުކަޒު ވެސް ހުރީ ހުވަދު އަތޮޅު ވާދޫގަ އެވެ. އެހެންކަމުން އެ ހިސާބުގެ ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެންކަމުން ޕިރާޑަށް ރާއްޖޭގެ ދެކުނުން ފެނުނީ ކޮން ބައެއްކަން ރަނގަޅަށް ސާފެއް ނޫނެވެ.