ރާއްޖޭގައި އުޅޭ ކާޅާއި ވާ މަރަން ބޭނުންނުވާ ކަމަށާއި އެތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ސިލްސިލާ ފޯރަމް "އަހާ" ފޯރަމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ކާޅާއި ވާލު ބެލެހެއްޓުމުގެ މަސައްކަތުގައި އެގްރިކަލްޗާ މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެސް ހިމެނޭ ކަމަށެވެ. އަދި ކާޅާއި ވާލަކީ ވެސް އުޅެން ޖެހޭ އެއްޗެހިކަން ފާހަގަކޮށް މިނިސްޓަރު މާރިޔާ ވިދާޅުވީ އެހެންކަމުން އެތަކެއްޗާއިއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

"ކާޅާއި ވާލަކީ ވެސް ހަގީގަތުގައި އަޅުގަނޑުމެންނާ އެކީގައި އުޅެން ޖެހޭ އެއްޗެއް. އެހެންވީމަ އަޅުގަނޑުމެން އެބަ ދަސްކުރަން ޖެހޭ ކާޅާއި ވާލާއި އެކީގައި އުޅެން،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ކާޅާއި ވާލުން އުނދަގޫތަކެއް ކުރިމަތިވާކަން ގަބޫލުކުރައްވާ ކަމަށާއި މިކަމުގެ މަޝްވަރާކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ބޭރު ގައުމުގެތަކުގެ ކޮންފަރެސްތަކުގަ އާއި އިޕީއޭ އާއި މިނިސްޓްރީން ގުޅިގެން ހައްލު ހޯދުމަށް ކުރަމުންދާ މަޝްވަރާތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޅާއި ވާލުގެ މައްސަލާގައި ޑިފެންސް މިނިސްޓްރީގެ ވެސް ޝާމިލުވާ ކަމަށާއި ދާދި ފަހުން ދެތިން ރަށެއްގައި ވާ ތަކެއް މަރާފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް މިނިސްޓަރު ވިދާޅުވީ ކާޅާއި ވާ މެރުމުގެ ބަދަލުގައި އެތަކެއްޗަށް ހިމާޔަތްތެރިކަން ދޭން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި އިތުރު ގަސް އިންދަން ޖެހޭ ކަމަށެވެ. މީގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ފެއްޓެވި 5 މިލިއަން ގަހުގެ މަޝްރޫއު މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި އެވެ.