ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުން. މި ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދިނީ 11 މެންބަރުން. މި ދެ ފަނޑިޔާރުން ވަކިކުރީ ޖުޑިޝަރީގެ ތެރެއަށް އަތް ނުބާނާނެ ކަމަށް ބުނެ އައި ސަރުކާރުން ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން.

ސަރުކާރުން އެންގި ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ އަދި ސަރުކާރަށް ވާގިދޭ 68 މެންބަރުންގެ ވޯޓުންނެވެ. މި ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދިނީ 11 މެންބަރުންނެވެ. މި ދެ ފަނޑިޔާރުން ވަކިކުރީ ޖުޑިޝަރީގެ ތެރެއަށް އަތް ނުބާނާނެ ކަމަށް ބުނެ އައި ސަރުކާރުން ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑިގެއްލޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ނިންމާފައިވަނިކޮށް މި ދެބޭފުޅުން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގަ އެވެ. އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.

ޖޭއެސްސީގެ ނިންމުން މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ މި ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ޖެހޭކަމަށް ނިންމާފަ އެވެ. ކޮމިޓީން މިފަދައިން ނިންމިއިރު، ކޮމިޓީގައި ވާހަކަދެއްކުމުގެ ފުރުސަތަށް ފަނޑިޔާރުން އެދިވަޑައިގަތުމުން އެ ފުރުސަތުވެސް ދީފައެއް ނުވެ އެވެ.

ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީއިން އަމަލު ކޮށްފައި ވަނީ ގާނޫނު ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާވެސް ވަނީ ވިދާޅުވެފަ އެވެ.

މި ދެ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދުގެ މައްސަލަ ވެސް ބެލުމަށް ޖުޑީޝަލް ކޮމިޝަނުން ނިންމި ނަމަވެސް މައްސަލަ ބަލަން ފެށުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލީހުން މަހާޒާއި އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކޮށްފައި މިވަނީ ފަނޑިޔާރުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށާއި ނަޒާހަތްތެރިކަމާ އެކު މައްސަލަ ބެލުމަށް ރާއްޖޭގެ އިދާރާތަކުންނާއި ބޭރުގެ އެކިއެކި މުއައްސަސާތަކާއި ޖަމިއްޔާތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ.