ޖިންސީ ފުރައްސާރަ ދައުވާ ކުރެވިފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ)ގެ ޝަރީއަތުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ކެސީ ހެކިބަސް ދީފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކެސީ ވަނީ އޭނާ ޑިޑީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ޑިޑީގެ އަމަލުތައް ހުރި ގޮތް ހިއްސާކޮށްފަ އެވެ.
އެގޮތުން އެ ގުޅުމުގައި ޑިޑީގެ ފަރާތުން އަނިޔާއާއި ފުރައްސާރަ ކުރިމަތިވި ކަމަށާއި ނުދަންނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގަން ވެސް މަޖުބޫރު ކުރުވި ކަމަށް ކެސީ ބުނެފައިވެ އެވެ.
އެއާއެކު ޑިޑީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 10 އަހަރު ދުވަހަކީ އޭނާގެ އަމިއްލަ މިނިވަންކަން ގެއްލި މީހެއްގެ ދަށުވެގެން އުޅެން ޖެހުނު ދުވަސްތަކެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
ޑިޑީއާއި ކެސީ އެކުގައި އުޅުނު ދުވަސްވަރު ޑިޑީ ކެސީއަށް އަނިޔާކުރާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް ވެސް 2016 ވަނަ އަހަރު އާއްމުވެފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޖަލު ބަންދުގައި ހުރި ޑިޑީ އޭނާއަށް ކުރެވިފައިވާ ދައުވާތަކަށް އިންކާރު ކޮށްފައިވާއިރު އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން ގާތެވެ.