ބައްޗަން ޚާންދާނުގެ ދަނބިދަރިއަކަށް އައިޝްވާރިޔާ ރާއީ ވުމުގެ ކުރިން އެ މަގާމު ލިބިލިބި ހުރީ ބޮލީވުޑްގެ ބާރުގަދަ އެހެން އާއިލާއަކަށް ނިސްބަތްވާ ކަރިސްމާ ކަޕޫރަށެވެ.
ދެހާހުގެ ކުރީކޮޅު އަބީޝޭކްއާއި ކަރިސްމާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު އެ ގުޅުން ނިމުމަކަށް އައީ ކައިވެންޏަށް ތައްޔާރު ވަމުން އަންނަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ.
އެހެން ނަމަވެސް އެންމެ ފަހު ވަގުތު އަބީޝޭކްއާއި ކަރިޝްމާގެ ގުޅުން ނިމުމަކަށް އައި ސަބަބު މިއަދާ ހަމައަށް ވެސް މީޑިއާއަށް އޮތީ ނޭނގި އެވެ. އެކަމާ ބެހޭގޮތުން ބައްޗަން އާއިލާއާއި ކަޕޫރު އާއިލާއިން ވެސް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
ބުނެވޭ ގޮތުގައި އެދެތަރިންގެ ގުޅުން ނިމުމަކަށް އަންނަން ޖެހުނީ އަބީޝޭކް ކަރިޝްމާއަށް ބޭވަފާތެރި ވުމުންނެވެ. އޭރު ވެސް އަބީޝޭކާއި އައިޝްވާރްޔާގެ ގުޅުމުގެ ވާހަކަތައް ދައުުރުވަމުން ދިޔަ އެވެ.
މީގެ އިތުރުން ވެސް ކައިވެންޏަށްފަހު ކަރިސްމާ ފިލްމީ ދާއިރާ ދޫކޮށްލަން އަބީޝޭކްގެ މަންމަ ޖާޔާ ބޭނުންވި ނަމަވެސް އެކަމަކީ ކަރިސްމާގެ މަންމަ ބަބީތާ ރުހޭ ކަމަކަށް ނުވުމަކީ ވެސް އެ ގުޅުން ނިންމާލަން ޖެހުނު ސަބަބެއް ކަމަށް ބުނެވެ އެވެ.
ފަހުން ކަރިޝްމާ ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރާ ކައިވެނި ކުރިއިރު އަބީޝޭކްއާއި އައިޝްވާރްޔާ ރާއީގެ ކައިވެންޏަށް 2011 ވަނަ އަހަރު ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ. އެއީ އާރަދްޔާ ބައްޗަން އެވެ.