ރައްޔިތުންގެ މަޖިލީހުން ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު އިތުރަށް ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި ބިލާ ގުޅޭގޮތުން ވޯޓަށް އެހުމުން، މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ އިތުރަށް މަސައްކަތްކުރުމަށް ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.
މި ބިލަކީ ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްގެ ދާއިރާއިން ބޭރުގައި، ވަކި މުސްތަގިއްލު ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ހުށަހެޅިފައިވާ ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު އެވެ.
ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ބަންޑާރަ ނައިބުގެ މަގާމަށް ޢައްޔަންކުރެވޭ ފަރާތުގެ ޝަރުތުތަކާއި، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންގެ ކަންތައްތައް ހިމެނެ އެވެ. އަދި މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ އުސޫލުތަކާއި، ސިއްހީ އިންޝުއަރެންސް އަދި ރިޓަޔާމަންޓް އިނާޔަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އޮފީސް ހިންގަމުން އައިސްފައިވަނީ ސިވިލް ސާވިސްގެ ދަށުންނެވެ. މި ބިލު ފާސްވެއްޖެނަމަ، އެ އޮފީސް ހިންގުމަށް ވަކި ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިގެންދާނެ އެވެ.