މޫޑީސް ރޭޓިން އިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ރާއްޖޭގެ ދިގު މުއްދަތުގެ އިޝުއާ ރޭޓިން ސީއޭއޭ -2 ގައި މިފަހަރު ވެސް ދަމަހައްޓައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޓޫރިޒަމް ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިގްތިސޯދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން، މޫޑީސްއިން މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިން ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، ޓޫރިޒަމް އަލުން ކުރިއަރައި، އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވާދަވެރިކަމާއި އިގްތިސާދީ ކުރިއެރުމުގެ ފުރުސަތުތައް ފަހިވެފައިވާ ކަން ކަމަށް މޫޑީސް އިން ފާހަގަކުރެ އެވެ.
އޮކްޓޯބަރ 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒްއިން ފާހަގަކޮށް، މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނައި އިސްލާހުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާ ކަމަށް މޫޑީސް އިން ބުނެފައިވެ އެވެ.
މޫޑީސްއިން ދެކޭ ގޮތުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭ ގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ. މިއާއެކު އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަގީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަގުވާމީ މާކެޓުން ފައިނޭންސިން ހޯދުމަށް ހުރި ގޮންޖެހުންތައް ވެސް މި ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.
މޫޑީސްއިން ރޭޓިން ދަމަހައްޓަން ނިންމާފައިވާއިރު، ރާއްޖެއިން ދަނީ ދައްކަންޖެހޭ ދަރަނިތައް ގަވާއިދުން ދައްކަމުންނެވެ. އެގޮތުން، ބޭރުގެ ފަރާތަކުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނެއް މިއަހަރުގެ މާޗް މަހު އަނބުރާ ވަނީ ދައްކާފަ އެވެ.