2023 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ނައިޓް ކްލަބެއްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުން ހައްޔަރު ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މެޓްރޯޕޮލިޓަން ފުލުހުން ކްރިސް ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މެންޗެސްޓާއިންނެވެ.

ކްރިސް ހައްޔަރު ކޮށްފައިވަނީ 2023 ވަނަ އަހަރު މޭފެއާގެ ނައިޓް ކްލަބެއްގައި އެހެން މިއުޒިޝަނެއް ކަމަށްވާ އަބޭ ޑިއޯއަށް ޖިސްމާނީ ގޮތުން ހަމަލާ ދިނުމުގެ ތުހުމަތުގަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2023 ވަނަ އަހަރު ހިނގި ހަމަނުޖެހުމަކާ ގުޅިގެން 36 އަހަރުގެ މީހަކު ހައްޔަރު ކުރެވި ބަންދުގައި ބަހައްޓާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހެއްގެ ޝަރީއަތް ނިމެންދެން އޭނާގެ ވަނަވަރު ހާމަކުރުމަކީ މަނާ ކަމެކެވެ. މިއީ ޝަރީއަތުގެ ހަމަހަމަކަން ޔަގީން ކުރަން އަޅާފައިވާ ފިޔަވަޅެކެވެ.

ކްރިސް ހައްޔަރު ކޮށްފައި މިވަނީ އޭނާގެ "ބްރީޒީ ބައުލް އެކްސް އެކްސް" ޓުއާގެ ދަށުން ލަންޑަންގައި ކޮންސެޓެއް ދޭން ތައްޔާރު ވަމުން ދަނިކޮށެވެ.