ރާއްޖޭގައި ކުދިން ހޯދުން މަދުވަނީ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، އުޅެންޖެހޭ މާހައުލުގެ ދަތިކަމުން ކަމަށް އދ. ގެ އާބާދީ ޖަމިއްޔާ (ޔޫއެންއެފްޕީއޭ) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
އެ ޖަމިއްޔާއިން ކުރިޔަށް ގެންދިޔަ މި ދިރާސާގައި ބައިވެރިވެފައި ވަނީ 18-49 އަހަރުގެ 479 އަންހެނުންނެވެ. އަދި އޭގެ ބައެއްގެ ގޮތުގައި ހިމެނޭ ފޯކަސް ގްރޫޕު ޑިސްކަޝަންގައި ފިރިހެނުންނާއި ސިއްހީ ދާއިރާގެ މީހުން ބައިވެރިކޮށްފައިވެ އެވެ.
އެ ދިރާސާއަށް މައުލޫމާތު އެއްކުރި އަންހެނުންގެ އެވްރެޖު އުމުރަކީ 32.8 އެވެ. އޭގައި ބައިވެރިވި 10 ޕަސެންޓް މީހުން ކައިވެނި ނުކޮށް ތިބިއިރު 83 ޕަސެންޓު މީހުންނަކީ އެ މީހުންގެ ފުރަތަމަ ކައިވެނި މަތީގައި ތިބި އަންހެނުންނެވެ. ތިރީސް ތިން ޕަސެންޓް މީހުން ބުނީ އެ މީހުންނާ އެކު ދަރިން ދިރިނޫޅޭ ކަމަށެވެ. އަދި 27 ޕަސެންޓު މީހުންނަށް އަދި ދަރިން ނުލިބޭ ކަމަށް ދިރާސާގާއި ބުނެފައިވެ އެވެ.
އޭގައި ބައިވެރިވި 55.5 ޕަސެންޓު އަންހެނުން ބުނި ގޮތުގައި ބޭނުންވިއަސް ގިނަ ދަރިން ނުހޯދަނީ ދިރިއުޅޭނެ ޖާގަ ނެތުމުންނެވެ. ދެ ވަނައަށް، 40.9 ޕަސެންޓު އަންހެނުން ބުނީ ގިނަ ދަރިން ނުހޯދަނީ މާލީ ދަތިތަކާ ހެދި ކަމަށެވެ. ސިއްހީ ސަބަބުތަކާ ހެދި، ދެ ވަނަ ދަރިފުޅު ނުހޯދާ ކަމަށް 27 ޕަސެންޓު މީހުން ބުނެފައިވެ އެވެ.
އެހެންވެ، މާލީ މަންފާ ލިބޭ ގޮތަށް ޕޮލިސީތައް ބަދަލުކުރުމުން ގިނަ ދަރިން ހޯދުމަށް ބާރު ލިބޭނެ ކަމަށް 43.3 ޕަސެންޓު އަންހެނުން ބުނެފައިވެ އެވެ. އަދި އެ ދިރާސާގައި 16.8 ޕަސެންޓު އަންހެނުން ބުނެފައި ވަނީ ޖާގަ ތަނަވަސް ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ގިނަ ދަރިން ހޯދުމަށް މަގުފަހިކޮށްދެވޭނެ ކަމަކަށް ވާނެ ކަމަށެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން ބުނެފައިވަނީ ހިލޭ ގެދޮރު ހޯދައިދިނުމެވެ.
އެހެންވެ، އެ ދިރާސާގައި ވަނީ އާބާދީ އިތުރުކުރުމަށް މުހިއްމު ފިޔަވަޅުތަކަކަށް ލަފާދީފަ އެވެ.
އޭގެ ތެރޭގައި؛
- ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބި އާއިލާތަކަށް ރަނގަޅު ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުން
- ދައުލަތުގެ އިދާރާތަކާ ކައިރީގައި ސަރުކާރު ސަބްސިޑައިޒްކޮށްފައިވާ ޑޭ-ކެއާ ސެންޓަރުތައް ހެދުން
- ފްލެކްސިބަލް މަސައްކަތުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ވަޒީފާ ހިއްސާކުރުން
- ސަރުކާރު އަދި އަމިއްލަ އިދާރާތަކުގައި މެޓާނިޓީ އަދި ޕެޓާނިޓީ ޗުއްޓީ ހަރުދަނާކުރުން
- ދަރިން ލިބުމަށް ހުރަސްއެޅޭ ސިއްހީ މައްސަލަތަކަށް ރަނގަޅަށް އިޖާބަ ދިނުން
ދިރާސާގައި ބައިވެރިވި 56 ޕަސެންޓް އަންހެނުން ބުނީ ގިނަ ދަރިން ބޭނުން ނުވާ ކަމަށެވެ. އަދި 28 ޕަސެންޓު މީހުން ވަނީ ތިން ކުދިންނަކީ ދަރިން ހޯދަން އެންމެ ރަނގަޅު އަދަދު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، އެ އަދަދަށް ދަރިން ނުހޯދަ އެވެ.
ގައުމީ ޔުނިވާސިޓީއާއި ޔޫއެންއެފްޕީއޭ އިން ކުރިޔަށް ގެންދިޔަ ދިރާސާ އާ ބެހޭ ގޮތުން ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމް ޕީއެސްއެމްއަށް ވިދާޅުވީ އެ ދިރާސާގެ އަލީގައި ދަރިމައިވުމުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ދަށްވަމުންދާ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރިމައިވުމުގައި ހުރި ދަތިތަކަށް ދެނެގަތުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ދިރާސާގެ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރު، ކުންލޭ އަޑެނިޔީ ވަނީ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮގްރަފިކް ތަރައްގީއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އޭނާ ވިދާޅުވީ ޒުވާނުންނާއި އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޔޫއެންއެފްޕީއޭއިން ހިތްވަރުދޭ ކަމަށެވެ. އަދި އެކަމަށްޓަކައި އެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތް ކުންލޭ ފާހަގަކުރެއްވި އެވެ.
މި ދިރާސާގެ ފުރިހަމަ ރިޕޯޓު ވަރަށް އަވަހަށް އާންމުކޮށް ޝާއިއުކުރާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.