ޓޫރިސްޓް ރިސޯޓުތަކާއި ގެސްޓުހައުސް ފަދަ ތަންތަނުން ބޭނުންކުތަކަށް މާރުކުރާ ޑޮލަރުގެ ބޮޑު ބައެއް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދޭންޖެހޭ ގޮތަށް ހަދައިފި އެވެ.

ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގައި އޮންނަ ގޮތުން ވިޔަފާރިތަކުން މާރުކުރާ ބޭރު ފައިސާގެ ޕަސެންޓެއް ވިއްކަން ޖެހެނީ އެމްއެމްއޭއަށެވެ. އެ ގާނޫނުގައި ވެސް އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ވެސް މި ގޮތުން ވިއްކަން ޖެހޭ ޕަސެންޓަކީ ކިހާ ވަރެއް ކަމެއް ބަޔާންކޮށްފައި ނެތެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިހާތަނަށް އެމްއެމްއޭއަށް މާރުކުރަމުން އައީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ ފުރަތަމަ ގަވާއިދު އެކުލަވާލިއިރު އޮތް 60 ޕަސެންޓެވެ. އެމްއެމްއޭއިން ވަނީ މި އަދަދު ބޮޑުކޮށް، އަންނަ މަހުން ފެށިގެން ބޭންކުތަކަށް މާރުކުރާ ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް މާރުކުރަން ޖެހޭނެކަން ބޭންކުތަކަށް އަންގާފަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭ ދޭންޖެހޭ ގޮތަށް މިހާރު ވަނީ ބޭންކްތަކަށް އަންގައިފަ އެވެ.

އެމްއެމްއޭ އިން އެ ބަދަލު ގެނައީ، މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ބޭރުގެ ދަރަނި ޑޮލަރުން ދައްކަން ގިނަ އަދަދެއްގެ ޑޮލަރު ސަރުކާރަށް ބޭނުންވާތީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށްވެ އެވެ.

އެމްއެމްއޭގެ ގާނޫނުގައި، ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ވަކި ޕަސެންޓެއް މަރުކަޒީ ބޭންކަށް ވިއްކަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި އެ ޕަސެންޓު ކަނޑައެޅުމުގެ އިހުތިޔާރު ގާނޫނުން ދީފައިވަނީ އެމްއެމްއޭ އަށެވެ.

މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއީ އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަރަންސީ ސްވޮޕް ވެސް ހިމަނައިގެންނެވެ.

އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ ފަހަރެވެ. އެ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެއްކޮށް ދައްކަން ޖެހޭނެ އެވެ.

ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އެމްއެމްއޭ އިން ޑޮލަރު މާރުކުރުން އެންމެ ފުރަތަމަ ލާޒިމުކުރީ މިދިޔަ އަހަރު ނެރުނު ގަވާއިދަކުންނެވެ. ނަމަވެސް ފަހުން ވަނީ އެކަމާ ގުޅޭ ގާނޫނެއް ފާސްކުރުމަށްފަހު އެއަށް އަމަލުކުރަން ފަށައިފަ އެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.

"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، އެހާތަނަށް ބޭންކުތަކަށް 214 މިލިއަން ޑޮލަރު މާރުކޮށްފި އެވެ. އެއީ ޑޮލަރު މާރުކުރަން ފެށިތާ ހަތަރު މަހުގެ ތެރޭގައި މާރުކުރި ފައިސާ އެވެ.