މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދައުލަތުން ޖުމްލަކޮށް ހަރަދުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އޭގެ ތެރޭއިން 59.2 އިންސައްތަ އަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމަށް ކުރެވުނު ހަރަދުތައް ކަމަށް އެ މިނިސްޓްރީ ހާމަކުރާއިރު، އޮފީސްތަކުގެ އިދާރީ ހިންގުމަށް މިއަހަރު 7 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން، އާސަންދައަށް މިއަހަރުގެ މިހާތަނަށް 829.4 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 20.3 އިންސައްތައަށް ދަށްވެފަ އެވެ. އަދި ކެޕިޓަލް ހަރަދުތައް 71.3 އިންސައްތައަށް ދަށްވެފައިވާކަން ފާހަގަކުރެވެ އެވެ.