ބޮލީވުޑްގެ ކާމިޔާބު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ ބޮލީވުޑް ދޫކޮށްލައި ފިލްމު ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކޮށްފި އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ އިތުރަށް ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުންނުވާ ކަމަށް އާތިޔާ އޭނާ ގާތުގައި ބުނެފައިވާ ކަމަށެވެ.

އެގޮތުން ދެން އިތުރަށް ފިލްމެއްގައި ހަރަކާތްތެރި ނުވާން އާތިޔާ ނިންމާފައިވާ ކަމަށާއި އާތިޔާގެ އެ ނިންމުމަށް އޭނާ އިހުތިރާމްކުރާ ކަމަށް ވެސް ސުނިލް ބުނެފައިވެ އެވެ.

ސުނިލް އިތުރަށް ބުނެފައިވަނީ އާތިޔާ މިހާރު ކުޅެމުން ދަނީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ރޯލު ކަމަށާއި އެއީ މައެއްގެ ރޯލު ކަމަށެވެ.

2023 ވަނަ އަހަރު އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއާ ކައިވެނިކުރި އާތިޔާ ވަނީ މިދިޔަ މާޗު މަހު އޭނާގެ އަލަތު ދަރިފުޅު ވިހާފަ އެވެ.

2015 އިން 2019 އަށް ކުރިއަށް ދިޔަ އާތިޔާގެ ކުރު ފިލްމީ ހަޔާތުގައި އޭނާ ކުޅެފައިވަނީ 3 ފިލްމެވެ. އެއީ "ހީރޯ"، "މުބާރަކާން" އަދި "މޯޓީޗޫރު ޗަކްނާޗޫރު" އެވެ.