އަންނަ އަހަރުގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވާން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ އާ ރައީސް މުހައްމަދު ޒާހިދު ސަރުކާރުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވާއިރު މައިގަނޑުގޮތެއްގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން، އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިވަގުތަށް ބަލާނަމަ ދަރުބާާރުގެއެއް ނެތް. ކުރީގެ ބާޖަމާލުއްދީނެއް ނެތް. އެހެންވީމަ މާލޭގައި އެކަހަލަ ތަނެއް ހޯދައިގެން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިންތިހާބަށް ބޭނުންވާ މުވައްޒަފުންނާއި އެކަން ބޭއްވުމަށް ބޭނުންވާ މަސައްކަތްތައް ހަރަދު ކުޑަކޮށް ކުރެވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށެވެ.
"ކުރީ އިންތިޚާބުތަކާއި މި އިންތިޚާބާ އަޅާބަލާއިރު ކުރަންޖެހޭ މަސައްކަތާއި ޑިޖިޓަލައިޒްކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ކޮން ކަމެއްގައިތޯ ޚަރަދުގެ ގޮތުން ކުޑަކޮށް ކިހިނެތްތޯ ކުރެވޭނީ މިކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށް ވާތީ އެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޒާހިދު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.