ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތައް ގިނަވުމުން އޭނާގެ ދިފާއުގައި ގާތް ރަހުމަތްތެރިޔާ ސުނިލް ޝެޓީ ތެދުވެއްޖެ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސުނިލް ވަނީ އޭނާއާއި ސަލްމާންގެ އެކުވެރިކަމާއި ބޮލީވުޑްގައި ސަލްމާންއާ މެދު ކަންތައް ކުރެވޭ ގޮތާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ސުނިލް ބުނީ ސަލްމާންއަކީ ބޮލީވުޑްގައި އެތަރިއަކާ ބެހޭގޮތުން އެންމެ ގޯސް ގޮތްގޮތަށް ވާހަކަ ދެކެވޭ އެކްޓަރު ކަމަށެވެ. އެގޮތުން އޭނާގެ އަސްލު އޮޅުވާލައިގެން އެތައް ވާހަކައެއް ދެކެވޭކަން ސުނިލް ފާހަގަކުރި އެވެ.

އެއާއެކު ސުނިލް ވަނީ ސަލްމާންގެ އެންމެ ފަހުގެ ފިލްމުތަކަށް ލިބުނު ތަރުހީބަށް ވެސް އަލިއަޅުވާލާފަ އެވެ. ސަލްމާންގެ ފިލްމަކަށް 200 ކްރޯޑް ރުޕީސް ލިބުނު ނަމަވެސް އެއީ ފްލޮޕްއެއްގެ ގޮތުގައި މީހުން ދެކޭ ކަމަށް ސުނިލް ބުންޏެވެ.

ސުނިލް މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ސަލްމާންގެ އެންމެ ފަހުގެ ފިލްމު "ސިކަންދަރު"އަށް ބޮކްސް އޮފީހުގައި ލިބުނު ފިނި ތަރުހީބާއެކު އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ފިލްމީ މަސައްކަތްތަކުގެ އިތުރުން ވެސް ސަލްމާންގެ ޒާތީ ދިރިއުޅުމުގެ ކަންކަމުގައި ވެސް ގިނަ ބަޔަކު އޭނާއަށް ފުރައްސާރަކޮށް ފާޑުކިޔަމުންދެ އެވެ.