ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިން އެ ދާއިރާއަށް ތައާރަފް ވަމުން ދާ މި ދުވަސްވަރު އަދިވެސް މި ދާއިރާއިން ނުފެނި ހުރި އެއް ފަރާތަކީ އަޖޭ ދޭވްގަންއާއި ކާޖޮލްގެ ދަރިފުޅު ނީސާ ދޭވްގަން އެވެ.

މިހާތަނަށް އައިއިރު ނީސާގެ ބޮލީވުޑް ފިލްމެއްގެ ވާހަކަ އާއްމު ވެފައިނުވާއިރު އެކަމާ ބެހޭގޮތުން އޭނާގެ ބައްޕަ އަޖޭ މިވަނީ ވާހަކަ ދައްކާފަ އެވެ.

ކާޖޮލްގެ ފިލްމް "މާ"ގެ ޕްރިމިއާގެ ތެރެއިން ދިން އިންޓަވިއުއެއްގައި ބޮލީވުޑުން ނީސާގެ ފެނިލުމެއް ނުފެންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އަޖޭ ބުނީ ބޮލީވުޑަށް ނީސާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"މިވަގުތު އޭނާގެ (ނީސާގެ) ނެތް ތިކަހަލަ އެއްވެސް ހިޔާލެއް. ކުރިމަގުގައި ވާނެ ގޮތެއް ނޭނގޭ" އަޖޭ ބުނެފައިވެ އެވެ.

އެހެން ނަމަވެސް ނީސާއަކީ ޒުވާނުންގެ މެދުގައި މަގުބޫލު އިންޓަނެޓް އިންފްލުއެންސަރަކަށް ވާއިރު ގިނަ ބަޔަކު އޭނާގެ ސޯޝަލް މީޑިއާ "ފޮލޯ" ކުރެ އެވެ.

"މާ"އަކީ މައިވަންތަ ލޯބީގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވާއިރު އެ ފިލްމުގައި އޭނާގެ އަމިއްލަ ޖަޒުބާތުތަކާއި އިހުސާސްތައް ފެނިގެންދާނެ ކަމަށް ކާޖޮލް ބުންޏެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާންގެ އާރްޔަންއާއި ސުހާނާ، ސައިފް އަލީ ޚާންގެ އިބްރާހިމްއާއި ސާރާގެ އިތުރުން ޗަންކީ ޕާންޑޭގެ އަނަންޔާ މިހާރު ވަނީ ބޮލީވުޑަށް ތައާރަފް ވެފަ އެވެ.