ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުކުރު ވަގުތު ފްލައިޓް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ސަބަބުން 2،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ހުކުރު ނަމާދު ނުކުރެވޭ ކަމަށާއި، މިކަން ހުއްޓުވުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެންބަރު އިބްރާހިމް މިހެން ގޯވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އިބްރާހިމް މުހައްމަދު ފާހަގަކުރެއްވި ގޮތުގައި، 2009 ގައި އޭރުގެ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން 31 ޑިޕާޓްމަންޓެއްގެ 2،781 މުވައްޒަފަކަށް ހުކުރު ނަމާދު ނުކުރެވޭ ހާލަތުގައި ތިބެންޖެހިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވެފައި، ހުކުރު ދުވަހަކީ މުސްލިމުންގެ އީދު ދުވަހެއް ކަމަށާއި، ހުކުރު ނަމާދަކީ މުސްލިމުންނަށް ވަރަށް މުހިންމު އަޅުކަމެއް ކަމަށެވެ. އަދި ހުކުރު ގަޑީގެ ހުރުމަތްތެރިކަން ނެގެހެއްޓުމަށްޓަކައި، މި ބަދަލު އަނބުރާ ގެނައުމަކީ ހުރިހާ ރައްޔިތުން އެދޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.